ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރައީސް އަބްދުﷲ ޔާމީނަަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަތައް އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާރނަލް ރިޓަޔާރޑް މުޙައްމަދު ނާޒިމު ހަތިޔާރު ގެންގުޅުނު މައްސަލައާ ގުޅިގެން ސަންގު ޓީވީގައި އޭނާ ދައްކަވައިފައިވާ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. އަދި އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭ ގޮތަކަށް ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
އިދިކޮޅުން ވިދާޅުވީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުންމަށް ހަތިޔާރު ގެންގުޅުމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި، އެމަނިކުފާނުގެ ގެއިން ހަތިޔާރު ފެނުނު މައްސަލައަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ޕީ.ޕީ.އެމްގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް ވެސް އެނގިވަޑައިގެން ހިންގާފައިވާކަމެއް ކަމަށް ވިދާޅުވި ނަމަވެސް، އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ވަނީ އެ ގެއިން ހަތިޔާރު ފެނުނު ފަހުން ކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ، ދަނގެތީ ދާއިރާގެ މެންބަރު ކާރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނިސްބަތް ކުރައްވާ ދައްކަވައިފައިވާ ޙަޤީޤަތެއް ނެތް ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން އިދިކޮޅުން ވަނީ ކުށްވެރި ކުރައްވައިފައެވެ. އަދި ވަޒީރުން ހަތިޔާރު ގެންގުޅުމާ ގުޅޭ ގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާ ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ވުމާ އެކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކަމުގެ ޙަޤީޤަތް އެއްވެސް އޮޅުވައިލުމެއް ނެތި ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ކާރނަލް ރިޓަޔާރޑް މުޙައްމަދު ނާޒިމަށް އިދިކޮޅުން ގޮވައިލެއްވިއެވެ.