އާގިލް މަރައިލި މައްސަލައިގައި މިއަދު ވެސް ހެކިބަސް ނުނެގުނު

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރައިލި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވެސް ހެކިބަސް ނުނެގުނެވެ.
އާގިލް މަރައިލައިފައި ވަނީ އޮގަސްޓް 31، 2018 ވަނަ ދުވަހުގެ ރޭ ވ. ފެލިދުއިން މާލެ އައި ސްކަލް ރައިޑާ ލޯންޗުން އާގިލް ފޭބި ތަނުން އޭނާއަށް ތޫނު އެއްޗަކުން ހަމަލަދީއެވެ. އޭނާއަށް ހަމަލާ ދިން ކަމުގެ ތުހުމަތު އުފުލިފައި ވަނީ އެ ސަރަހައްދުގައި އެވަގުތު ހުރި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު އާގިލްގެ މައްޗަށެވެ. އެނގިފައިވާ ގޮތުގައި އާގިލް މަރުވީ އޭނާއަށް ހަމްދޫން ދިން ހަމަލާއިން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.
މި މައްސަލައާ ގުޅިގެން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކިން ހާޒިރު ނުކުރެވުމާ ގުޅިގެން ހެކިބަސް ނަގައިފައެއް ނުވެއެވެ.

އާގިލް މަރައިލި މައްސަލައިގައި ދައުވާ އުފުލައިފައިވާ ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ ފަރާތުން ބަންދަށް ލުއި ދިނުމަށް އެދުމުން ބަންދަށް ލުއި ދެވެން ނެތްކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ކަނޑައަޅައިފައެވެ.
މިއަދުގެ އަޑު އެހުމަކީ ހެކިބަސް ނެގުމަށް ތާވަލް ކޮށްފައިވާ އަޑުއެހުމެއް ކަމުގައިވީ ނަމަވެސް ދައުވާ ލިބޭ ފަރާތްތަކުގެ ކުރީގެ ވަކީލުންގެ ބަދަލުގައި ވަކީލަކު ހަމަޖެހިފައިވާކަން ޔަގީން ކުރެވިފައި ނުވުމުގެ ސަބަބުން ދައުލަތުން މިއަދުގެ އަޑުއެހުމަށް ހެކިން ހާޒިރުކޮށްފައެއް ނުވެއެވެ.