ދީން

ތިޔަބައިމީހުން ޒިނޭއާ ގާތް ނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެކެވެ.: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲ އަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބާވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސާ ކޮށްފައިވަނީ ފާޙިޝް ޢަމަލުތަކާއި ދުރުހެލިވުމުގެ މައްޗަށެވެ.

އެގޮތުން ޚުތުބާގައި އެންމެ ފުރަތަމަ ވެސް ނަސޭޙަތްތެރި ވެފައިވަނީ އަޅަމެން މާތް ﷲ އަށް ބިރުވެތިވެ ތަޤްވާވެރިވުމަށެވެ.

މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށް ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން އެކަލާނގެއަށް ތަޤްވާވެރިވާށެވެ! އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާ ހުށިކަމެވެ!

މި ބިންމަތީގައި ފަސާދައާއި ނުބައި ހުރިހާ ކަމެއް ފާޅު ވަނީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުންނެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި އިންސާނާ ދިރިއުޅޭ ވެށި ތަޣައްޔަރުވެ، ފަސާދަވެ، އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އިންސާނާގެ އަތުން ކޮށް އުޅޭ ޢަމަލުތަކުގެ ސަބަބުންކަން އެނގެއެވެ. ހަމައެއާ އެކު އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ ޢަމަލުތައް ހެޔޮކޮށް، އޭނާގެ އަމިއްލަ ނަފްސު އިސްލާޙުކޮށް، ދިރިއުޅޭ ވެށި ސާފުކޮށް، ތާހިރު ކޮށްފިނަމަ، އެހުރިހާ ކަމެއް އަލުން ރަނގަޅު ވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

"ﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށް ޢަމަލުތަށް ބަހައްޓާނަމަ، މުޖުތަމަޢު އިސްލާހުވެ، ބަލިތަކާ ދުރުވެ، ސިއްޙަތަށް ރައްކާތެރިކަން ލިބޭނެއެވެ. އެއާ ޚިލާފަށް ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ، ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެއެވެ.

އިންސާނަކަށް ވީތީ އޭނާގެ ކިބައިގައި ލައްވާފައިވާ ބޭނުންތަކާއި ޣަރީޒާތަކެއް ވާނެކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަންކަމަށް އިޖާބަ ދޭނެ ޝަރުޢީ ގޮތްތައް މާތް ﷲ ވަނީ ފަހި ކޮށްދެއްވައިފައެވެ. އޭގެ ތެރެއިން އެއް ކަމަކީ ކައިވެނިކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެއީ ސައްޙަ ރައްކާތެރި ގޮތުގައި ޖިންސީ ޣަރީޒާ ހާސިލު ކުރުމަށް ހަމަޖައްސާފައިވާ މަގެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

ބައެއް ފާފަތަކާއި ގާތް ވެސް ނުވުމަށް މާތް ﷲ އަންގަވާފައިވަނީ، އެކަމުގެ ނުބައިކަމާއި، ދެ ދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުން ބޮޑުކަމުންނެވެ. އެގޮތުން އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި ތިޔަބައިމީހުން ޒިނޭއާ ގާތް ނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.!

މި އާޔަތުގައި މާތް ﷲ އަންގަވައިފައި ވަނީ ޒިނޭއާ ގާތް ވެސް ނުވުމަށެވެ. އެއްޗަކާ ގާތް ނުވާން ބުނެ އުޅެނީ އެއްޗެއްގެ ނުރައްކަލާއި ގެއްލުން ނުހަނު ބޮޑުވީމައެވެ. ޒިނޭއާ ދުރުވުމަށް އެންގެވީ އޭގެ ސުންޕާކަމުގެ ސަބަބުން މުޖުތަމަޢު ފަސާދަވެ، ނަސްލު އޮޅުންބޮޅުން ވާނެތީއެވެ. އަދި އީމާންކަން ނިގުޅިގެން ދާނެތީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!