ރިޕޯޓް

މާއުގެ ކުއްލި ވަކިވުން: އެތައް ބައެއްގެ ލޯތައް ކަރުނުން ފުރައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެ މުޅި ރާއްޖެ ސިއްސުވައިލި އެއް ޚަބަރަކީ މަޝްހޫރު މަންދީރާ ބޮޑުބެރު ގްރޫޕުން ވިދާލި ހއ.ކެލާ ޙުސެއިން ސަމާއު (މާއު) ނިޔާވި ޚަބަރުންނެވެ.

Ads by STELCO

ތެލެސީމިއާ ކެރިއަރެއް ކަމުގައިވާ މާއުއާއި ޙަސަން ސަމާހު (މާހު)އަކީ އެއްމާބަނޑު ދެމީހުންނެވެ. އުމުރުން 21 އަހަރުގެ މާއު ނިޔާވީ ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް، ރޭ އިރާކޮޅު ވިލިމާލޭ ހޮސްޕިޓަލުގައެވެ.

ފޮޓޯގްރަފީއާއި ވީޑިއޯގްރަފީގެ ދާއިރާގައި ވެސް ހަރަކާތްތެރިވި މާއު މިދުނިޔެއާ ވަކިވެގެން ދިޔުންވީ މުޅި ރާއްޖެ ވެސް ކަރުނަ އަޅައި ރުއި ހާދިސާއަކަށެވެ. އެކަން އޭނާގެ ހަނދާނުގައި، ރެއާއި މިއަދު މީސް މީޑިއާގައި މީހުން ކޮށްފައި ހުރި ޕޯސްޓުތަކުން ވެސް ހާމަވެގެން ގޮސްފައިވެއެވެ.

މާއު މަތިން ހަނދާންވެ، އޭނާ "މިސްވާ" މީހުން ގިނައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އޭނާ މަތިން ހަނދާންވާނީ، އޭނާގެ އެއްމާބަނޑު ބޭބެ މާހު ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެ ދެބެއިންގެ ގުޅުން ވެސް އިންތިހާއަށް ވަރުގަދައެވެ.

މާހުއާއި މާއުއާ ބެހޭގޮތުން "ދެން"އަށް އިތުރަށް މައުލޫމާތު ދެމުން އެ ދެމީހުންގެ ވެސް ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ޝާމީ އަހުމަދު ބުނީ، އެ ދެބެއިންނަކީ އަބަދުވެސް ވަރަށް އެކު އެކީގައި އުޅުނު ދެބެއިން ކަމަށެވެ.

"ތަފާތު ވާނެ އެ ދެމީހުން ވެސް ވަރަށް އެއްކޮށް އުޅޭނީ. ކާނީ ވެސް އެއްކޮށް. ބޭރަށް ދާނީ ވެސް، ދުއްވާލަން ދާނީ ވެސް ދެމީހުން އެއްކޮށް. މާއު ނިޔާވުމުން މާހުއަށް ހުރީ ވަރަށް ފުން އަސަރެއް ކޮށްފައި، އެކަމަކު އޭނަަ ވަރަށް ހިތްވަރު އެބަ ކުރޭ" ޝާމީ ބުންޏެވެ.

ގައިގެ އެއްބައި ދިޔުން ކަހަލަ ކަމެއް މިއީ މާހުއަށް

މާއުގެ އާއިލާއާ ވެސް ގާތް ގުޅުމެއް އޮންނަ ޝާމީ އިތުރަށް ބުނީ އެއީ ލޭ އަޅާ ކުދިން ކަމުގައިވީ ނަމަވެސް، ލޭ އެޅުމުގެ ކަންކަމާ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ވެސް ރަނގަޅަށް ކުރަމުން ގެންދިޔަ ކަމަށެވެ.

"ހަމަ ބަރާބަރަށް ލޭ އަޅައި، އާއިލާގެ ފަރާތުން ހުރިހާ ކަމެއް ވެސް ކުރަމުން ގެންދިޔައީ. އިރާދަކުރެއްވިއްޔާ އެއްވެސް އިރަކު ދަތިވެފައެއް ނެތް ލޭ އަޅާކަށް ވެސް. އާއިލާއާއި، ރަށު މީހުންނާއި ބާރަށު މީހުންގެ ވެސް ވަރަށް އެހީ ލިބުނު ކުއްޖެއް އެއީ. ދުވަހަކު ވެސް ހަނދާނެއް ނުވޭ ލޭ އަޅަން ނުލިބިގެން އެހެން އުޅުން ހަނދާނެއް" ޝާމީ ބުންޏެވެ.

ވަކިވެގެން ދިޔައީ ވަރަށް ވެސް މަޖާ މިޒާޖެއްގެ އަދި އެންމެންނާ ވެސް އެކުވެރި ރަނގަޅު އަޚްލާގެއްގެ ވެރިއެއްކަން އެތައް ބަޔަކު ފާހަގަ ކޮށްފައިވެއެވެ.

މާތް ﷲ މާއުގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވަވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!