ޖިންސީ ފުރައްސާރައިގެ ގިނަ ތުހުމަތުތަކެއް ކުރެވުމުން ވަޒީރުކަމުން ވަކިކުރެއްވި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން އިއުލާންކޮށްފިއެވެ.
އަލީ ވަހީދު އެކަން ހާމަ ކުރައްވައިފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލައިފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްފައެވެ. ޕާސްޕޯޓު ދޫކޮށްލެއްވުމާ އެކު އޭނާ ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަދި، ޝަރީޢަތް އޮންލައިންކޮށް ހިންގަން އޭނާ އެދިވަޑައިގަތުމުން ކުރިމިނަލް ކޯޓުން ވަނީ އެ ފުރުޞަތު ވެސް ދީފައެވެ.
އެ މައްސަލައިގެ ޝަރީއަތަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ނުވެ އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ކޯޓުން ވަނީ ސުޕްރީމް ކޯޓްގެ ޝަރީއަތަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ފޮނުވައިފައެވެ. ނަމަވެސް އަލީ ވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
އެ ޖަލު ހުކުމް ތަންފީޒުކުރުމަށް އޭނާ ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ރާއްޖެ ގެނައުމަށް ޓަކައި ފުލުހުންގެ ފަރާތުން ކުރެވެން ހުރި އެހެން ކަންކަން ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.