ސަރުކާރު

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅެނިކޮށް އަލީ ވަޙީދު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ގޯނާ ކުރިކަމުގެ ދައުވާތަކެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

އަލީ ވަހީދު ހައްޔަރު ކޮށްފައި މިވަނީ މިއަދު ހަވީރު 4:00ގައި އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށް އިއުލާނު ކޮށްފައި ވަނިކޮށެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް ފިއްލަވައިގެން ހުރި ކަމުގެ ތުހުމަތު ވެސް އުފުލިފައިވާ އަލީ ވަހީދު ހައްޔަރުކުރި އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާ ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމުގެ ހުކުމެއް ވެސް އެބަ އޮތެވެ.

އަލީ ވަހީދު މައްސަލައިގައި ފުލުހުން އެންމެ ފަހުން ވިދާޅުވެފައި ވަނީ އޭނާގެ ހުކުމް ތަންފީޒުކުރުމަށް މާލެ ގެނައުމަށް ޓަކައި އިންޓަޕޮލްއާއި އިނގިރޭސި ފުލުހުންގެ އެހީއަށް ވެސް އެދޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލައިފައެވެ.

ނަމަވެސް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުކޮށްފައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ކޯޓުން ހުއްދަ ދިން ފަހުން އޭނާ ރާއްޖެއަށް ވަޑައެއް ނުގަންނަވައެވެ. އެކަމާ ހެދި އޭނާގެ ޝަރީއަތްތަކާއި އެ ޝަރީއަތާ ގުޅޭ އިސްތިއުނާފުގެ މައްސަލަތައް ވެސް ވަނީ ހުއްޓިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!