ރައްޔިތުންގެ މަޖިލިސް

ވާހަކަފުޅު ކުރިޔަށް ނުގެންދެވިގެން ޤާސިމް މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގެންފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވާހަކަފުޅު ކުރިޔަށް ނުގެންދެވިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިގެންފިއެވެ.

Ads by MWSC

ބިމާ ބެހޭ ޤާނޫނަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށައަޅުއްވާފައިވާ އިޞްލާހަށް ބަހުސްކުރެއްވުމުގެ މަރުހަލާގައި ޤާސިމަށް ފުރުސަތު ލިބިވަޑައިގަތުމުން ބައެއް މަޖިލީސް މެންބަރުން ވަނީ ޤާސިމަށް ފުރުސަތު ލިބިވަޑައިގަތީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދަވައިފައެވެ. މިގޮތުން ޤާސިމަށްވުރެ ކުރިން ފުރުސަތު އެދިވަޑައިގެންފައި ތިބި މެންބަރުން ތިއްބެވި ކަމަށާއި އެކަން ހިނގާ ދިޔަ ގޮތް ސާފު ކޮށްދިނުމަށް އެދި މެންބަރުން ނިޒާމީ މައްސަލަ ވަނީ ހުށަހަޅައިފައެވެ.

"މިހާރު ވާހަކަފުޅު ދައްކަވަމުން އެ ގެންދަވާ އިއްޒަތްތެރި މެންބަރަށް ފުރުސަތު އެ ލިބުނީ ޖޭޕީގެ ލީޑަރަށް ވީތީތޯ، ނުވަތަ ފުރަތަމަ ފުރުސަތަށް ވީމަތޯ. އަޅުގަނޑަށް ހީވަނީ މިތަނުގައި ފުރަތަމަ ފުރުސަތަށް އެދިފައި ތިއްބެވި ބޭފުޅުން އެބަތިއްބެވި، މާފަހުން އައިސް އެދުނީ އިއްޒަތްތެރި މެންބަރު ޤާސިމް އިބްރާހީމް. އެހެންވީމަ އެ ބޭފުޅާ އެންމެ ކުރިޔަށް ލެއްވީ ކޮން އުސޫލަކުންތޯ ސާފުކޮށްލަދެއްވުން އެދެން" ނިޒާމީ މައްސަލައެއް ހުށަހަޅުއްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދު ﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވިއެވެ.

ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިކަމާ ގުޅިގެން ވިދާޅުވީ، ރިޔާސަތުން ފުރުސަތު ދެއްވަމުން ގެންދަވަނީ ޕޯޓަލްއިން ފެންނަ ތަރުތީބުން ކަމަށާއި އޭރު އެންމެ މަތީގައި މާމިގިލި ދާއިރާގެ މެންބަރުގެ ނަން އޮތުމުން ޤާސިމަށް ފުރުސަތު އެރުވީ ކަމަށެވެ.

އޭގެ ފަހުން ޤާސިމްގެ ވާހަކަ ކުރިޔަށް ގެންދިއުމަށް ފުރުސަތު ދެއްވިއެވެ. އެހެން ނަމަވެސް އިތުރު ނިޒާމީ މައްސަލައެއް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ނެންގެމުން ޤާސިމްގެ ވާހަކަފުޅު ކުރިޔަށް ގެންދެވޭ ގޮތް ނުވިއެވެ.

"އަޅުގަނޑުގެ އޯޑަރ އެ އޮތީ ގޮސް، ދިޔަ ހިސާބެއް ވެސް އަޅުގަނޑަށް ނޭނގެ. އަޅުގަނޑަށް ވުރެ ފަހުން ވަޑައިގަތް ބޭފުޅުން ލިސްޓްގައި ކުރިޔަށް އެދަނީ." ނިޒާމީ މައްސަލަ ހުށަހަޅުއްވަމުުން މެންބަރު ޣަނީ ވިދާޅުވިއެވެ.

ނިޒާމީ މައްސަލަ ބަލައިނުގަނެ، ރިޔާސަތުން ވިދާޅުވީ "އިދާރީ މޭޒުން ސުވާލު ކުރެއްވީމަ ވިދާޅުވީ އިއްޒަތްތެރި މެންބަރު އަމިއްލަފުޅަށް ފަހަތަށް ޖައްސަވަނީއޭ" ކަމަށެވެ.

ޤާސިމަށް އަނެއްކާ ވެސް ރިޔާސަތުން ފުރުސަތު ވަނީ ދެއްވައިފައެވެ. އެހެން ނަމަވެސް އިތުރު މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގައި އަޑު ގަދަކޮށްފައެވެ. މިއާއެކު، މަޖިލިސް ތަޅުން ދޫކުރައްވައި ޤާސިމް ވަނީ ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތާ ދޮޅު އަހަރު ފަހުން ޤާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައި ވަނީ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގައެވެ. މަޖިލީހުގެ މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކާއި މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ ޖަލްސާތަކުގައި ވެސް ގާސިމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގެންނެވީ، އެ މަނިކުފާނު ކޮވިޑް-19އަށް "ސެންސެޓިވް" ކަމުން ކަމަށެވެ. ކޮވިޑް-19 ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔައީ ވާޗުއަލްކޮށެވެ.

Ads by HDC
  1. އައްޔު

    ބަލަގަ ފުރަތަމަ ވާހަކަދައްކަން ތެޅިފޮޅޭއިރު ޤާސިމްއަށްވުރެ ތަޖުރިބާ އިލްމާއި ހިލްމުގެ ގޮތުންވެސް ބަލިކަށިބައެއް ކަން އަމިއްލަ ސެލްފް އެސެސްމެންޓެއް ހަދާބަލަ އެމްޑީޕިއަންސް ބޮޑެތިވެބަލަ