މަޖިލީހުގެ ކުރީގެ އަމީން އާންމު ޕީޕީއެމްއަށް

ރައްޔިތުން މަޖިލީހުގެ ކުރީގެ އަމީން އާންމު އަލްއުސްތާޛު އަހުމަދު މުހައްމަދު އިދިކޮޅު ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމުން އަޙްމަދު މުޙައްމަދު އިސްތިއުފާ ދެއްވައިފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
އެމަނިކުފާނު ސިޔާސީ މައިދާނަށް ނުކުންނަވައި، ޕީޕީއެމްއާ މިއަދު ގުޅިފައިވާކަން އެ ޕާޓީން ވެސް ވަނީ ހާމަ ކުރައްވައިފައެވެ.
ކުރީގެ އަމީން އާންމުގެ މެންބަރުކަމުގެ ފޯމާއި ހަވާލުވެލެއްވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ.
އަހުމަދު މުހައްމަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭރުގެ ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ކަމުގެ މަގާމަށް އެންމެ ފުރަތަމަ އަހުމަދު އައްޔަން ކުރެއްވީ 2005ވަނަ އަހަރުގައެވެ. އަދި 2010ވަނަ އަހަރު އެކުލަވައިލި މަޖިލީހުގެ އައު ގަވާއިދުގެ ދަށުން އަނެއްކާ ވެސް އެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެއްވިއެވެ.