ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން އެބަތިބި، ގިނައީ ރާއްޖެއިން ބޭރުގައި ތިބި މީހުން
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިން ފުރިހަމަ ނުކުރާ 18 އަހަރުންމަތީގެ ގާތްގަނޑަކަށް 30،000 މީހުން އެބަތިބި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ %85 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަމަށެވެ. އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކޮށްތިބީ، 30،000އެއްހައި މީހުން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުން އަންނަ ފަރާތްތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވެކްސިން ނުޖަހާ މިވަގުތު ތިބި ގިނަ މީހުންނަކީ މިދިޔަ ދުވަސްތަކުގައި ރާއްޖެ ނާދެވި، ރާއްޖެއިން ބޭރުގައި ތިބި މީހުން. ވެކްސިން ނުޖަހާ ތިބި މީހުންނަށް ރީޗްވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން" މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ތިބި ވެކްސިން ޖެހޭ އާބާދީގެ ގިނަ މީހުން ވެކްސިންގެ އެއް ޒޯޑް ފުރިހަމަކޮށްފައިވާ ކަމަށެވެ.
ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި، އެނދުމަތިވެފައި ތިބޭ މީހުން ކަމަށް ވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި އެމީހުން ހޯދައިގެން ވެކްސިން ޖެހުމަށް މަސައްކަތް ކުރެވެމުން އަންނަކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، 12 އަހަރާއި 17 އަހަރާ ދެމެދުގެ %84 ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަަމަށެވެ. ރާއްޖޭގައި ކުޑަ ކުދިންނަށް ވެކްސިން ޖަހަން ފަށައިފައި ވަނީ ޖުލައި މަހުގައެވެ.
ރާއްޖޭގައި މިހާތަނަށް 302،182 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، 383،620 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.
ސަރުކާރުން ވަނީ އޯގަސްޓް މަސް ނިމުމުގެ ކުރިން ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖަހަން އަމާޒު ހިފައިފައެވެ. އެހެން ނަމަވެސް މި މުއްދަތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަވީ އާބާދީގެ 66 އިންސައްތަ މީހުންނަށްކަން ފާހަގަކޮށްލެއެވެ.
ރާއްޖޭގައި އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަމުން އަންނައިރު، 12 އަހަރާއި 17 އަހަރާ ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ޖަހަމުންދަނީ ފައިޒާ ވެކްސިންއެވެ. އެނޫން ފަރާތްތަކަށް މިހާރު ޖަހަމުން އަންނަނީ އެސްޓްރާޒެނިކާ ވެކްސިންނެވެ. ނަމަވެސް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާމީހުންނާއި މާބަނޑު މީހުންނަށް ވެސް ފައިޒާ ވެކްސިން ޖަހައިދެއެވެ.