އަލީ ވަހީދު ހައްޔަރު ކުރިކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް ލިބިފައެއް ނުވޭ: ފުލުހުން
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުއްޓާ ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތެއް ބައިނަލްއަގުވާމީ ފަރާތަކަށް ވެސް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު މިއަދު ވިދާޅުވީ، އަލީ ވަހީދު ހައްޔަރު ކޮށްދޭން ފުލުހުންނާ ގުޅުން ހުރި ބައިނަލްއަގުވާމީ ފަރާތްތަކުގައި ފުލުހުން އެދިފައިވާ ކަމަށެވެ.
ނަމަވެސް އެފަދަ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ކަމަށް އެ ފަރާތްތަކުން އަންގައިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގައި އިތުރު އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން ރާއްޖޭގެ މީޑިއާތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ އުފުލިފައިވާ އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. ތުރުކީގައި ހުރުމަށް ފަހު ފަހުން އޭނާ ވަނީ އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އަލީ ވަހީދުގެ ޝަރީއަތްތައް އޮންލައިންކޮށް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަވާތީ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.
ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން ނެރުނު އަމުރަށް އަލީ ވަހީދު ބޯނުލެނބުމުން އެ ކޯޓުން ވަނީ އޭނާ ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން ގެންދަވަނިކޮށް، ދާދި ފަހުން އޭނާގެ ގާތް މީހަކު ޚަބަރު ފަތުރާފައި ވަނީ އިނގިރޭސި ވިލާތުން އަލީ ވަހީދު ހައްޔަރު ކޮށްފި ކަމަށެވެ.
ނަމަވެސް ފުލުހުންނާއި ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވަނީ އެފަދަ މައުލޫމާތެއް އެއްވެސް މުއައްސަސާއަކަށް އަދި ލިބިފައި ނުވާ ކަމަށެވެ.