ޚަބަރު އިޖުތިމާޢީ

މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރު ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެެރެއިން، ނ. މާފަރު ޕޮލިސް ސްޓޭޝަނާއި އައްޑޫސިޓީ ގަމު ޕޮލިސް ސްޓޭޝަން އަދި ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by MWSC

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހިންނެވެ.

މި ތިން މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. މާފަރު ޕޮލިސް ސްޓޭޝަނުން މިއަދު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

33 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަމު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައެވެ. ފޭދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ ރ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮގަސްޓު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، ރ. އަތޮޅު  ރިސޯޓަކުން 25 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!