ޚަބަރު ސިޔާސީ

މި ވަގުތު މިއީ ނިޒާމް ބަދަލު ކުރަންވީ ވަގުތެއް ނޫން: ރޮޒައިނާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި ވަގުތަކީ މިއީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަންވީ ވަގުތު ނޫން ކަމަށާއި ބަރުލަމާނީ ޕެޓިޝަނުގައި ސޮއި ކޮށްފައި ވަނީ ވެސް މަދު މެމްބަރުންކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ ބައެއް މެންބަރުން އިސްވެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ޕެޓިޝަނެއް ރައީސަށް ހުށަހެޅުމަށް ސޮއި ހޯދަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން މިހާތަނަށް މި ޕެޓިޝަންގައި 50،000އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައި ވަނީ ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ. ޕެޓިޝަންގެ އަމާޒަކީ 100 ދުވަސް ތެރޭ، އެއްލައްކަ މީހުންގެ ސޮއި ހަމަކުރުމެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ބަރުލަމާނީ ޕެޓިޝަނުގައި ސޮއި ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 18 ވަރަކަށް މެމްބަރުން ކަމަށެވެ.

“އަޅުގަނޑުމެންނަށް މި ފެންނަނީ 18 ވަރަކަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ޕެޓިޝަނުގައި ސޮއި ކުރިތަން. ދެން ތިއްބެވި މެމްބަރުންނަކަށް ފެނިވަޑައިނުގަންނަވާކަމަށް އަޅުގަނޑު މި ގަބޫލު ކުރަނީ މިވަގުތު މި ނިޒާމް ބަދަލުކުރަން ޖެހޭ ވަގުތެއް ކަމަކަށް.” ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުރުގެ މެދުތެރެއިން ނިޒާމު ބަދަލު ކުރަން އުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި މިވަގުތަކީ ނިޒާމުގެ ވޯޓު ނަގައި، ނިޒާމު ބަދަލު ކުރަންވީ ވަގުތު ނޫން ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ސޮއިކުރައްވަން ފައްޓަވައިފައިވާ ބަރުލަމާނީ ޕެޓިޝަނަކީ  އެޕާޓީގެ ރަސްމީ ހަރަކާތެއް ނޫންކަމަށް ވެސް ރޮޒެއިނާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

ރޮޒައިނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ބޮޑު ވަޒީރަކަށް ރައްޔިތުންގެ ތެރެއިން ވަރަށް މަދު ވޯޓް ލިބިވަޑައިގެން ހޮވޭ ބޭފުޅެއް ވެސް ވަޑައިގެންނެވިދާނެ ކަމަށާއި އެއީ ރައްޔިތުންގެ ނިންމުމަކަށް ނުވާނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި، ކޮންމެ މަހަކުން އެއްފަހަރު ނުވަތަ 6 މަހުން އެއްފަހަރު ވެރިކަން ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ ގޮތަށް ކަންތައް ވެއްޖެނަމަ ޤައުމަށް ވެގެންދާނީ ކިހިނެތްތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

ނިޒާމު ބަދަލު ކުރުމުގެ ޕެޓިޝަންގައި އެމްޑީޕީގެ ޓްވިޓަރ އެކައުންޓް ބޭނުންކުރާ ކަމަށް މީގެ ކުރިން ރޮޒައިނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި އެ ހަރަކާތަކީ އެމްޑީޕީއިން ހިންގާ ހަރަކާތްތެެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މީގެ ކުރިން ވިދާޅުވުމުން، ރޮޒައިނާ ވަނީ އެކަން ސާފުކޮށްދެއްވީތީ ޝުކުރު އަދާކުރައްވައިފައެވެ.

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އިސްވެ ތިބެ ސޮއިކުރަން ފަށައިފައިވާ ބަރުލަމާނީ ޕެޓިޝަނުގައި ވީހާ ވެސް ގިނަބަޔަކު ސޮއި ކުރުމަަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވައިލައްވައިފައެވެ. ނިޒާމުގެ ބަހުސްއާ އެކު ބައިބައިވެފައިވާ އެމްޑީޕީގެ މެންބަރުން ދަނީ ދެ ފަރާތަށް ބަހުގެ ވަރުގަދަ ހަމަލާތައް ރައްދު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!