ސިދާތުގެ ޖަނާޒާ ކުރިއަށް: ރުއިމާ މާޔޫސީއަޑުތައް ވަށައިލާފައި
އިއްޔެ ހެނދުނު މަރުވި އެކްޓަރު ސިދާތު ޝުކްލާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ފަށައިފިއެވެ.
ސިދާތުގެ ކުއްލި މަރާއެކު އޭނާގެ ލޯބިވެރިޔާކަމަށް ޝެހެނާޒް ގިލްގެ ހިތް ހަލާކުވެފައިވާކަމަށާއި އޭނާގެ ހާލަތު ރަނގަޅު ނޫންކަމުގައި އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް ސިދާތުގެ ޖަނާޒާގެ ކަންކަމުގައި އޭނާ ވެސް ދަނީ ބައިވެރިވަމުންނެވެ.
އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިދާތުގެ ޖަނާޒާގެ ކަންކަން ކުރިއަށްދާއިރު އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓު މިއަދު ލިބޭނެއެވެ.
ސިދާތުގެ މަރުގެ ހަބަރު ލިބުނުއިރު ޝެހެނާޒް ހުރީ ޝޫޓިންއެއްގައި ކަމަށާއި އެ ޚަބަރާ އެކު އޭނާ ވަނީ ވަގުތުން ޝޫޓިން ދޫކޮށް ގޮސްފައިކަމަށް ވެސް ރިޕޯޓްތަައް ބުނެއެވެ.
ޝެހެނާޒްގެ ބައްޕަ ސަންތޯކް ސިންގ މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ސިދާތުގެ މަރާ އެކު ޝެހެނާޒްއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.
40 އަހަރުގެ އެކްޓަރު އިއްޔެ ހެނދުނު މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އެހެން ނަމަވެސް އޭނާގެ ފޭނުން ތުހުމަތު ކޮށްފައި ވަނީ އޭނާ މަރައިލައިފައިވާ ކަމަށެވެ.
އިއްޔެ ހެނދުނު ސިދާތު ނިދާ ނުހޭލައިގެން އޭނާގެ މަންމަ އެމީހުންގެ އާއިލީ ޑޮކްޓަރު ގެނެސް ބެލުމަށް ފަހު އެއްވެސް ހަރަކާތެއް ނެތުމުން އޭނާ އިންޑިޔާގެ ކޫޕަރ ހޮސްޕިޓަލަަށް ގެންގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާކަމަށް އޭނާގެ ހަށިގަނޑު ބެލި ކޫޕަރ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ސިދާތު ވަނީ ކާމިޔާބު އެތައް ޑްރާމާއެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އޭނާގެ މަރުގެ ޚަބަރާ އެކު އިންޑިޔާގެ ފަންނާނުން ވަނީ ބޮޑު ޝޮކެއްގެ ތެރޭގައެވެ. އަދި ފޭނުން ދަނީ އެކަމާ ހިތާމަ ފާޅުކޮޅު މުޅި ސޯޝަލް މީޑިޔާ ފުރައިލައިފައެވެ. ފޭނުން ބުނާ ގޮތުގައި މިއީ ގަބޫލުކުރަން ދަތި ޚަބަރެކެވެ.