ޚަބަރު

މާލޭގެ މޭޔަރު ބޭނުން ވަނީ ހުޅުމާލެއިން މާލޭ މީހުންނަށް ހިލޭ ގޯތި ދޭން!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 500 ގޯތި ހިލޭ ދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

Ads by Hajj Corporation

މާލޭ ސިޓީގެ ގެދޮރުވެރިކަމާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފޭސް 2 ހިއްކައި އެ ބިން ބިނާ ކުރުމަށް ޕްލޭން ކުރެއްވީ މާލޭގެ ރައްޔިތުންނަށް ހިލޭ ބިން ލިބޭނެ ގޮތަކަށް ކަމަށެވެ. އަދި މުއްސަނދިންނަށް ހުޅުމާލެއިން ގޯތި ވިއްކަން އުޅުމަކީ މާލޭގެ މީހުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

ހުޅުމާލެއިން ބިން ވިއްކަން ނިންމައިފައި ވާތީ އެކަމަށް ކަންބޮޑުވުން ފާޅު ކުރައްވާ މުޢިއްޒު ވިދާޅުވީ ހުޅުމާލޭގެ ޕްލޭނަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެ ބަދަލު ގެންނަން ޖެހޭނީ މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ކޮމާޝަލް ބޭނުންތަކަށް ބިން ދޫކުރުމަށް ފަހު ވެސް އާންމު ރައްޔިތުންނަށް ގޯތި ދެވޭނެހާ ބިން އެބައޮތް ކަމަށެވެ.

"މިގޮތަށް ބަލާއިރު ހުޅުމާލޭގައި މަދުވެގެން 500 ގޯތި، އަޅުގަނޑު މި ދަންނަވަނީ 1400 އަކަފޫޓްގެ 500 ގޯތި، މާލޭގެ އާންމު ރައްޔިތުންނަށް ދެވޭ ވަރުގެ ޖާގަ އެބައޮތް. އަދި އެޖާގަ ދޫކޮށްފައިވެސް ވިޔަފާރި ބޭނުމަށް، ގިނަ ލާރި ހޯދަން، އަގުބޮޑުކޮށް ވިއްކަން 2000 އަކަފޫޓުގެ މަދުވެގެން 100 ގޯތީގެ ޖާގަ އޮންނާނެ" މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، މާލެ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ބަދަލު މާލެ ރައްޔިތުންނަށް ކިރިޔާ ވެސް ދެވެން އޮތީ ހުޅުމާލެއިން ހިލޭ ގޯތި ދީގެން ކަމަށެވެ. ހިލޭ ގޯތި ނުދެވޭ ނަމަ ގާނޫނެއްގެ ދަށުން އެންމެ ކުޑައަގެއް ނަގައިގެން ގޯތި ވިއްކުމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ، އަކަފޫޓެއް 100 ރުފިޔާގެ މަގުން ވިއްކާ، ވިޔަފާރި އުސޫލުން ކަންކުރުމުގެ ބަދަލުގައި އާންމުންނަށް ފައިދާވާ ފަދަ ގޮތަކަށް ކަންކަން ހިންގަން ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

Ads by HDC
  1. ނާޅި

    އެތަން ހިއްކީ ދިވެހި ދައުލަތުގެ ބަޖެޓުންތޯ ؟ އެހެން ވެއްޖެނަމަ ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ހުޅުމާލެއިން ހިލޭ ބިން ލިބެންވާނެ މާލެ މީހުނަށް ރައްރަށުން ހިލޭ ބިންލިބިފައި ހުރިގޮތަށް !