Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރިޕޯޓް

މިއަދު ފެނުނު "ހޭލޯ"އާ ގުޅޭ އެތައް މައުލޫމާތެއް

މިއަދު ފެނުނު "ހޭލޯ"އާ ގުޅޭ އެތައް މައުލޫމާތެއް
މިއަދު މެންދުރު ވަގުތު އެ އޮތް ގަދަ ހޫނުގައި އެންމެން އިރަށް ބަލަހައްޓައިގެން ތިބެ ބެލި ޗާލު "ހޭލޯ"ގެ ފޮޓޯތަކުން މުޅި ސޯޝަލް މީޑިޔާ ފުރައިލިއެވެ. ތަފާތު ރީތި ކުލަތަކުން ވިއްސާރަ ދުނީގެ ކުލަތަކާ އެކު އިރުގެ ވަށައިގެން އެޅިފައި އޮތް "ހޭލޯ"އާ އެކު ކޮންމެ މީހަކު ވެސް ބެލީ ތަފާތު ފޮޓޯއެއް ނެގޭތޯއެވެ.

"ހޭލޯ"އަކީ ކޯއްޗެއް؟

ހޭލޯ ނުވަތަ ހޭލޯ ފިނޯމިނާއަކީ ދިވެހިންނަށް ގައިމު ވެސް ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ. ހާއްސަކޮށް އިރުގެ ވަށައިގެން މިފަދަ ހޭލޯއެއް ފެނި މިހާބޮޑަށް ވައިރަލް ވީ މިއީ ފުރަތަމަ ފަހަރެވެ. ކޮންމެއަކަސް ހޭލޯއާ ބެހޭގޮތުން މައުލޫމާތު އެއްކޮށްލާ ހިތްވީ މިހެންވެއެވެ. މިއީ އުޑުގެ އެންމެ މަތީ ފަށަލައިގައި އުފެދޭ ސިރޯސްޓުރާޓަސް ފަދަ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން، އަލި ރިފެރިވެގެން އައުމުގެ ސަބަބުން ފެންނަ ވައްބުރެއްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. ހޭލޯ ފެނޯމިނާ މިއަދު ރާއްޖެއަށް ފެނުނު ކަމަށް ރިކޯޑްކުރެވިފައި ވަނީ ހެނދުނު 11:30އަކާއި އަދި 12 ޖެހުމާއި ދެމެދު އެވެ. އަދި މުޅި ރާއްޖެއަށް ވެސް މި ހިތްގައިމު މަންޒަރު ފެނުނު ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މޫސުމަށް ބަދަލުތަކެއް އަންނަން އުޅޭ ކަމުގެ ނިޝާނެއްތަ؟

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ފެނުނު ހޭލޯގެ މައުލޫމާތު ސޯޝަލް މީޑިޔާގައި ހިއްސާކުރަމުން ބުނެފައި ވަނީ މިއީ މޫސުމަށް ބަދަލުތަކެއް އަންނަން އުޅޭކަމުގެ ނިޝާނެއްކަމަށާއި ވިއްސާރައިގެ ނިޝާނެއްކަމަށް ވެސް ބެލެވޭކަމަށެވެ. މިއަދު ފެނުނު ހޭލޯއާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއީ “ހައި ކްލައުޑް ލޭޔާއެއް”ހުރުމުން ފެންނަ އެއްޗެއް ކަމަށެވެ. "މިއީ އަސްލު ބުނަންޏާ އާއްމުކޮށް ވެސް ފެންނަ އެއްޗެއް. އެކަމަކު މިއަދު ތަންކޮޅެއް އުޑުމަތި ސާފުކޮށް އޮތީމަ މިހާ ސާފުކޮށް ފެނިގެން މިއުޅެނީ" މެޓް އޮފީހުގެ އޮފިސަރު ވިދާޅުވިއެވެ. މެޓް އޮފީހުން އިތުރަށް ވިދާޅުވީ މިފަދަ ހޭލޯއަކީ ވިއްސާރަ ވެހެން އުޅޭކަމުގެ އަލާމާތެއްކަމަށެވެ. "މިއީ ވިއްސާރަ ވެހެން އުޅޭކަމުގެ އަލާމާތެއް. ކުރިއަށް އޮތް 3 ނުވަތަ 4 ވަރަކަށް ދުވަހުގެ ތެރޭގައި. ބޮޑު ވިއްސާރައެއް ނޫން ހަމަ އާދައިގެ ވަރަކަށް ދެން" މެޓް އޮފީހުގެ އޮފިސަރު ވިދާޅުވިއެވެ. ކޮންމެއަކަސް މިއަދު ފެނުނު "ހޭލޯ"ގެ ފޮޓޯތަކުން މުޅި ޝޯޝަލް މީޑިޔާ ފުރައިލައިފައިވާއިރު ގުދުރަތީ މިފަދަ އާދަޔާ ހިލާފު ކަންކަން ދޭތެރެ ދޭތެރެއިން ފެނިގެންގެން ދާކަން ފާހަގަ ކުރެވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް