އިނގިރޭސިވިލާތުގެ ޖަލުގައި ހުންނެވި އަލީ ވަހީދު ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަނީ
އިނގިރޭސިވިލާތުގެ ޖަލުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އުފުލިފައިވާ އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރު ކޮށްފައިވާކަން އެ ޤައުމުގެ ފުލުހުން ކަށަވަރު ކޮށްދީފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއްޔެ ވަނީ ހާމަ ކުރައްވައިފައެވެ.
އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ފުލުހުން ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށް ޓަކައި އިންޓަރޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލައިފައިވާ ދައުވާތަކުގެ ޝަރީއަތް ފެށެން އުޅެނިކޮށް އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރައިފައެވެ.
އެ މައްސަލަތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.