ދީން

އޭ! ބިޒީ ޒުވާނާއެވެ. މައިންބަފައިން އެކަހެރިކޮށް ނުލާ ކުޑަ ވަގުތުކޮޅެއް ނަމަވެސް އެ ޢިއްޒަތްތެރީންނަށް ދޭށެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޔަމަނު މީހަކު ބުރަކަށި މައްޗަށް އޭނާގެ މައިމީހާ ލައިގެން ގެފުޅު ވަށައިގެން ޠަވާފު ކުރަނިކޮށް އިބްނު ޢުމަރު ރަޟިޔަﷲ ދެކެވަޑައިގަތެވެ. އެމީހަކު ބުންޏެވެ. ‘ހަމަކަށަވަރުން ތިމަންނައަކީ އެކަނބުލޭގެއަށްވާ ކިޔަމަންތެރި ޖަމަލެކެވެ. އެކަނބުލޭގެ ސަވާރުވާން ގެންގުޅޭ ޖަމަލު ބިރުގަތް ނަމަވެސް ތިމަން ބިރެއް ނުގަންނާނަމެވެ.’ އެއަށްފަހު އެމީހާ ބުންޏެވެ. އޭ އިބްނު ޢުމަރެވެ! އެކަނބުލޭގެ އަގު އަދާ ކުރެވިއްޖެކަމަށް ކަލޭގެފާނު ދެކިލައްވަންތޯއެވެ؟ އިބްނު ޢުމަރު ވިދާޅުވިއެވެ. “ނޫނެކެވެ. ވިހެއުމަށް އެޅި އެންމެ ވޭނެއްގެ މިންވަރު ވެސް އަދާނުކުރެވެއެވެ.” (الأدب المفر للبخاري)

Ads by Hajj Corporation

މައިންބަފައިންނަކީ ކޮންމެ މީހެއް ވެސް ދުނިޔެއަށް ނޭވާލުމުގެ އަސްލެވެ. އެއީ މިއަދު ފުރާ ފުރިހަމަވެފައި ތިހުރި ޒުވާނާއަށް އެތައް ޚިދުމަތެއް ކޮށްދިން ދެމަފިރީންނެވެ. އެމީހުންގެ ލޯބީގެ ރަންޒަމާނުގެ އެތައް ރެއެއް ޤުރުބާންކުރީ ނިކަމެތި ޙާލުގައި އޮތް ތިޔަ ޒުވާނާއަށް ޚިދުމަތް ކުރުމުގައެވެ. އެމީހުން އެތައް އަހަރެއް ވަންދެން ދާ އޮހޮރުވައިން ހޯދި އާމްދަނީ ހޯދީ ތިޔަ ޒުވާނާއަށް ތަޢުލީމު ދިނުމަށެވެ. ފުރިހަމަ ޞިއްޙަތެއް ހޯދައި ދިނުމަށެވެ.

މިއަދު ފުރާ ފުރިހަމަވެފައިވާ ޒުވާނާއެވެ. ތިޔަ ޒުވާނާއަށް މިއަދު ލިބިފައިވާ ކުރިއެރުމާމެދު އެންމެ އުފާކުރާނެ ބަޔަކީ ތިބާގެ މައިންބަފައިންނެވެ. ތިބާއާ މެދު އެންމެ ފަޚުރުވެރިވާ ބަޔަކީ މިއަދު ތިބާގެ ޙަޔާތުގައި އެކަހެރިކޮށްލެވިފައިވާ މައިންބަފައިންނެވެ. އެ ދެމީހުން މިއަދު ބަލި އެނދުގައި އެތިބީ ތިބާގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ވީ އެތައް ޤުރުބާނީއެއްގެ ސަބަބުންނެވެ.

ޒުވާނާއެވެ. ﷲގެ ރަޙުމަތުން ތިބާ ވެސް ދިރި ދުނިޔޭގައި ލައްވައިފިނަމަ ތިބާގެ މައިންބަފައިންގެ އެ ޙާލަތާ ބައްދަލު ކުރާނެއެވެ. އެ އުމުރުގެ ދުވަސްތައް ގުނާނެއެވެ. އެ ދުވަހަކުން މައިންބަފައިންނާމެދު ކަންތައް ކުރެވުނު ގޮތް ހަނދާނަށް އައުން ގާތެވެ. އެކަމާ ހިތާމަ ކުރުން ގާތެވެ. އެހެންކަމުން ވަގުތު ފާއިތު ނުވަނީސް ، ހެޔޮ މަގަށް އެނބުރި ރުޖޫޢަ ވާށެވެ. ތިބާގެ ޙަޔާތުން މަދު ވަގުތުކޮޅެއް ނަމަވެސް އެ އިއްޒަތްތެރި މައިންބަފައިންނަށް ދޭށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ((إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ : مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ )). މާނައީ: “އިންސާނަކު މަރުވެއްޖެނަމަ، (އޭނާ ކޮށްފައިވާ) ތިން ކަމަކުން ފިޔަވައި ޢަމަލުތައް ހުއްޓުމަކަށް އާދެއެވެ. (އެތިން ކަމަކީ) ދޫކޮށްފައިވާ ދެމިގެންވި ޞަދަޤާތެއް، ނުވަތަ ދޫކޮށްފައިވާ ފައިދާ ކުރަނިވި ޢިލްމެއް، ނުވަތަ އެމީހާގެ މައްޗަށް ދުޢާ ކުރާނެ ޞާލިޙު ދަރިއެކެވެ.” (އިމާމް މުސްލިމް:1631)

އޭ! ބިޒީ ޒުވާނާއެވެ. މިޙަދީޘްގައިވާ ފަދައިން ބައްޕައާއި މަންމައަށް ދުޢާކޮށް ދޭށެވެ. ދަރިފުޅުގެ ދުޢާގައި ބައްޕައާއި މަންމަގެ މަތިން ހަނދާން ނައްތާ ނުލާށެވެ. އެމީހުންގެ ހާލު ބަލާ ހެޔޮކޮށް ހިތާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!