ދަރިއަކު ބައްޕައާ މެދު ކަންތައް ކުރި ގޮތުގެ ޙާދިސާއެއް: ރަސޫލުﷲ (ޞޢޥ)ގެ ލޯފުޅުން ކަރުނަފޮދު އޮހި ތުނބުޅިފުޅު ކަރުނުން ތެތްމައިލި
ޒަވާޖީ ޙަޔާތެއް ފަށައި އެ ޙަޔާތުގައި ލިބޭ މޭވާއަކީ ދަރީންނެވެ. އެ ދެމަފިރިން ދަރިން ބަލައި ބޮޑުކުރަނީ ނުހަނު ބުރަޔާއި ވޭނާ އެކުގައެވެ. އެދެމަފިރިންގެ ހަށިގަނޑުން ލޭ ދީގެން ބަލައި ބޮޑު ކުރާ ދަރިފުޅު ހެޔޮލަފާ ކުއްޖަކަށްވުމަކީ ކޮންމެ ދެމަފިރިއެއްގެ ވެސް ނުވަތަ ކޮންމެ މައެއްގެ، ބަފައެއްގެ ވެސް އުއްމީދެވެ. ނަމަވެސް ފުރާ ފުރިހަމަވުމުން މައިންބަފައިންނާ މެދު ރަޙުމެއް ކުލުނެއް ނެތި އެމީހުންނަށް ވިހަ ބަސްތައް ދޫކޮށްލާ ކިތަންމެ ބަޔަކު އަހަރެމެންގެ ތެރެއިން ފެންނަކަމީ ހިތާމައިގެ ކޮޅެއް ނެތް ކަމެކެވެ. މައިންބަފައިންނާ ދެކޮޅަށް ކޯޓްތަކުގައި ދައުވާ އުފުލެމުންދާ ކަމީ ލަދުވެތި ވާންޖެހޭ ކަމެކެވެ.
މައިންބަފައިންގެ ޙާލު އަޙުވާލު ބަލައިނުލާ އިރު ގެއަށް މަންމަ ދިޔުމުން ގެއިން ނެރެ އަނިޔާ ކުރާ މަންޒަރަކީ އަހަރެމެން އެންމެންނަށް ވެސް ފެނިފައި ހުރި އަދި ފެންނަ މަންޒަރެވެ.
މިއީ އިބްނި މާޖާގައި ގެނެސްފައިވާ ޙާދިސާއެކެވެ. ދަރިއަކު ބައްޕައާ މެދު ކަންތައް ކުރިގޮތުން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޯފުޅުން ކަރުނަފޮދު އޮހޮރައިލިއެވެ. އެކަލޭގެފާނުގެ ތުނބުޅިފުޅު ކަރުނުން ތެތްމައިލިއެވެ.
ޒުވާނަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ގޮސް އޭނާގެ ބައްޕައާ ބެހޭ ގޮތުން ޝަކުވާ ކުރިއެވެ. ބައްޕަ އޭނާގެ ފައިސާ ބޭނުން ކުރާ ކަމާއި ބައްޕަ އަބަދު ފައިސާއަށް އެދޭ ކަމުގެ ޝަކުވާއެވެ. އެ ހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ބައްޕަ ގެނެސްދިނުމަށް އެކަލޭގެފާނު އެދި ވަޑައިގަތެވެ.
ޒުވާނާ އޭނާގެ ބައްޕަ ޙާޟިރު ކުރުމަށް ނިކުތެވެ. އިރުކޮޅެއް ފަހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ޖިބްރީލް އަމީން ވަޑައިގެން ވިދާޅުވިއެވެ.
އޭ! ﷲގެ ރަސޫލާއެވެ. އެ ޒުވާނާގެ ބައްޕަ ﷲގެ ރަސޫލާ އަރިހަށް އައިއިރު ސިއްރުސިއްރުން ކިޔަމުން ދިޔައީ ކީކޭތޯ އޭނާ ގާތުން އައްސަވާށެވެ.
އިރުކޮޅަކުން ޒުވާނާ ، ބައްޕައާއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އަތުވެއްޖެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޒުވާނާގެ ބައްޕަ ގާތު އެއްސެވިއެވެ. ތިބާގެ ދަރިފުޅު އެ ބުނަނީ ރަނގަޅު ވާހަކައެއް ހެއްޔެވެ؟ ބައްޕަ ޖަވާބު ދިނެވެ. ﷲގެ ރަސޫލާއެވެ. އަހަރެން އެ ފައިސާ ބޭނުން ކުރަނީ ބަލާނެ އެއްވެސް މީހެއް ނެތް ދަރިފުޅުގެ ބޮޑުދައިތަގެ ކަންކަމަށެވެ.
މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަނެއްކާ ވެސް ވިދާޅުވިއެވެ. ސުވާލެއް ކުރައްވަވަން ބޭނުންފުޅުވެއެވެ. މި ތަނަށް އަންނަމުން ސިއްރުން ކިޔަމުން ދިޔައީ ކީކޭތޯއެވެ. ޒުވާނާގެ ބައްޕަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުޖާލާ މޫނު ފުޅަށް ބަލައިލަމުން ދެންނެވިއެވެ.
ﷲގެ ރަސޫލާއެވެ. މިތަނަށް އައި މަގުމަތީގައި ޅެން ބަސްކޮޅެއް އަހަރެން ހެދީމެވެ.
އެހިނދު އެބަސްތައް ކިޔައިދިނުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެދިވަޑައިގަތެވެ.
''އޭ ދަރިފުޅާއެވެ. ތިބާ ކުޑަކުއްޖަކަށް ވީހިނދު ބައްޕަ ތިބާގެ ހުރިހާ ކަމެއް ކޮށްދިނީމެވެ.
އަދި ތިބާ ހެދި ބޮޑުވަމުން އައިއިރު ތިބާއަށް އަޅައިލުމާއި ލޯބި ދިނީމެވެ.
އޭރު ތިބާގެ ޙަޔާތް ވީ ، ބައްޕަގެ ވަގުތުތަކާއި ހަށިގަނޑާއި މުދަލުން ވީ ޤުރުބާނީއެއްގެ މައްޗަށް ބިނާވި ޙަޔާތަކަށެވެ.
ރޭގަނޑެއްގައި ތިބާ ބަލިވެ ނުވަތަ ކެއްސުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެންމެ ފުރަތަމަ ހޭލާ މީހަކީ ބައްޕައެވެ.
ކުޑަކުޑަ ޒައްރާއެއް ނުވަތަ ބީހިލާ ރޯޅިއަކުން ނަމަވެސް ތިބާއަށް އެއްވެސް ތަކްލީފެއް ލިބިދާނެކަމަށް ތިބާ އުރައިގެން ތިބާއަށް ބަލަހައްޓައިގެން އެކަމުގައި ސަމާލުވެ ހުންނަނީ ބައްޕައެވެ.
ތިބާގެ ބަލި ހާލަތުގައި ބައްޕައަކަށް ނުނިދެއެވެ. ތިބާ ނިދުމަށް ފަހު ނޫނީ ބައްޕައަށް ލޮލު ފިޔައެއް ނުޖެހެއެވެ.
ތިބާ، ބަލި ޙާލަތުގައި ފެނުމުން ބައްޕަގެ ލޯ ކަރުނުން ފުރެއެވެ. ބައްޕަ ހިތަށް އަރައެވެ. ދަރިފުޅުގެ ބަދަލުގައި ބަލި މީހަކީ ބައްޕަ ކަމުގައި ވީނަމައީހެވެ.
އެންމެ ފަހުން ބައްޕަ އިންތިޒާރު ކުރަމުން އައި ދުވަސް އަތުވެއްޖެއެވެ. ފުރާ ފުރިހަމަވެ ދަރިފުޅު ބޮޑު މީހަކަށް ވެއްޖެއެވެ. އެހިނދު ދަރިފުޅު ބައްޕައަށް އިނާމެއް ދީފީމެވެ. އެ އިނާމަކީ ހިތްހަރުކަމެވެ. ނުރުހުންވުމާއި ނަފްރަތެވެ.
ބައްޕަގެ ފަރާތުން ހުރިހާ ކަމެއް ކޮށްދިން ނަމަވެސް ހުރިހާ ޙައްޤެއް ދަރިފުޅަށް ވާކަހަލައެވެ. އަދި ދަރިފުޅު ، ބައްޕައަށް އަދާ ކުރަން ޖެހޭ އެއްވެސް ޙައްޤެއް ނުވާ ފަދައެވެ.
ދަރިފުޅު ބައްޕައާ މެދު ކަންތައް ކުރަނީ މީހަކު އަވަށްޓެރިއަކާ މެދު ވެސް ކަންތައް ނުކުރާނޭ ގޮތަކަށެވެ. ކުޑަމިނުން (އަވަށްޓެރިއަކަށް) ކަންތައް ކޮށްދޭނޭ ފަދައަކަށް ބައްޕަ އުއްމީދު ކުރީމެވެ."
އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޒުވާނާގެ ބައްޕަގެ މޫނަށް ބައްލަވައިލެއްވިއެވެ. އަދި ޒުވާނާގެ ބައްޕަ ވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް މޫނުފުޅަށް ބަލައިލިއެވެ. އޭރު ކީރިތި މާތް ރަސޫލާގެ ތުނބުޅިފުޅު ވަނީ ކަރުނުން ތެތްމައިލައިފައެވެ.
އެވަގުތު ރަސޫލުﷲ ޢަލައިހި ވަސައްލަމް އެޒުވާނާ ދުރަށް ޖައްސަވައި ލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. ތިބާގެ މިލްކުގައިވާ ހުރިހާ އެއްޗަކާއި ތިބާ ވަނީ ތިބާގެ ބައްޕައަށެވެ.
ލޮބުވެތި އަހުންނާ އުޙްތުންނޭ! މައިންބަފައިން ވީގުރުބާނީ އެންގޭނީ ތިޔަބައިމީހުންނައް އެންމެ ދަރިޔަކުވެސް ލިބުނީމާ. މައިން ބަފައިންނައް އަޅާލާ އޯގާތެރިވޭ.
ޢަހަރެންނަކީ އަބަދުވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތާ ދަރިއަކީމެވެ. އަބަދުވެސް އެމީހުންގެ ހާލުބަލާ އެހީތެރިވަމެވެ. ދުވަހަކުވެސް ރުޅިމޫނެއް ނުދައްކަމެވެ. އަހަރެންނަށް ވެސް ދަރިއަކު ލިބިގެން ފުރަތަމަ މަސް ދުވަހު އަހަރެންގެ މައިންބަފައިން އުޅުނު ހާލު ތަޖުރިބާކުރީމެވެ. ހިތައް އެރިއެވެ. ޢެޒަމާނުގައި ޑިސްޕޯސަބަލް ނެޕީއެއް ނުހުންނާނެއެވެ. ފާހާނާގައި ހޫނު ފެން ނުހުންނާނެއެވެ. މިހާރު ބަދޭގައި މިގެންގުޅޭ ޒާތުގެ ކަރަންޓްކުރާ ގޭސް އުދުން ނުހުންނާނާނެއެވެ. ތައްޔާރީ ކާނާއެއް ނުހުންނާނެއެވެ. އަހަރުންގެ މައިންބްފައިން އަހަރުން ބަލާނީ ހާދަ ހާލުގައެވެ. އަހަރެންގެ މަންމަގެ ވަރަށް ގިނަ ކުދިން ތިބެއެވެ. އަހަރެން ހަމަ އެމީހުންނަށް ޝުކުރުވެރިވަމެވެ. ޢަދި އެމީހުން ގާތުގައި އެވާހަކަ ބުނެ އެމީހުންގެ އަގުވަޒަން ކުރީމެވެ. އަހަރެން އެވާހަަަކަ މަންމަ އާއި ހިއްސާ ކުރުމުން މަންމަ ހުރީ އެކަމާ ވަރަށް އުފަލުންނެވެ. އަހަރެންގެ ބައްޕަ ދުނިޔޭގައި ނެތުމުން އަހަރެން ވަރަށް ހެޔޮދުވާ ކުރީމެވެ. ޢަދި އެގޮތުގައި އަބަދުވެސް ސާބިތުވެ ހުރީމެވެ.