ދީން

ނަމާދުގައި މައިންބަފައިންގެ މައްޗަށް ކުރާނޭ ދުޢާއެއް!

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންނަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކަކީ ގުނާ ޢަދަދު ނުކުރެވޭނެ ނިޢުމަތްތަކެކެވެ. އެ ނިޢުމަތަކީ ކުޑަކުޑަ ނިޢުމަތެއް ކަމުގައި ވީ ނަމަވެސް ، ނުވަތަ ނިއުމަތެއް ކަމަށް އިހްސާސް ނުވި ނަމަވެސް ވިސްނައި ފިކުރުކޮށްލައިފި ނަމަ ، ﷲ ތަޢާލާ ދެއްވި އެ ނިޢުމަތްތަކަށް ކުފުރުވެރިވެ އެ އިލާހަށް ފުރަގަސްދޭން އަހަރެމެން ޖެހިލުންވާނެއެވެ.

Ads by Hajj Corporation

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ

މާނައީ:ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

ﷲގެ މި ވަހީ ބަސްފުޅާއި ގުޅޭގޮތުން ޢިލްމްވެރިން ވިދާޅުވެފައިވެއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރުމެވެ. އަދި މައިންބަފައިންނަށް ޝުކުރުކުރުމަކީ ފަރުޟު ފަސް ނަމާދު ނިމިގެން މައިންބަފައިންނަށް ޓަކައި ދުޢާ ކުރުމެވެ. ފަހެ ދަރީންގެ ދުޢާއަކީ ނިޔާވެފައިވާ މައިންބަފައިންނަށް ވެސް މަންފާ ކުރަނިވި ކަމެކެވެ. އެގޮތުން ދަރީންގެ ހެޔޮ ދުޢާގެ ސަބަބުން މައިންބަފައިންގެ ދަރަޖަ މައްޗަށް ދާނެ ކަމުގައި ޢިލްމުވެރިން ބަޔާންކޮށްދެއްވާފައި ވެއެވެ.

ފަރުޟު ފަސްނަމާދަށް ފަހު މައިންބަފައިންގެ މައްޗަށް ދުޢާ ކުރުމަކީ އެންމެންނަށް ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ދިރިއުޅުމުގެ ކަންކަމާއި ބަލި ޙާލަތު ހުންނަ ގޮތުން ގިނަ ވަގުތު އެކަމަށް ހޭދަ ކުރަން އުނދަގޫވާ މީހުންނަށް ވެސް މައިންބަފައިންނަށް ޝުކުރު އަދާ ކުރުމަށް ފަސޭހަ ގޮތްގޮތް އެބަހުއްޓެވެ. އެގޮތުން ކޮންމެ ނަމާދެއްގެ ފަހު އައްތަހިއްޔާތުގައި ،ސަލާމް ދިނުމުގެ ކުރިން މައިންބަފައިންގެ މައްޗަށް ދުޢާ ކޮށްލެވިދާނެއެވެ. އެގޮތުން الله ތަޢާލާ ވަހީކުރައްވާ އަންގަވައިފައިވާ ، އަންނަނިވި ދުޢާއަކީ ދުލަށް ފަސޭހަ މަތިވެރި ދުޢާ އެކެވެ.

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިދެއެވެ. އެއީ ދެމިގެންދާ ޞަދަޤާތާއި ފައިދާ ކުރަނިވި ޢިލްމާއި އަދި އޭނާއަށް ދުޢާ ކުރާނޭ ޞާލިޙު ދަރިއެކެވެ.

މި ޙަދީޘްފުޅުގައި ޞާލިޙުންގެ ސިފައެއްގެ ގޮތުގައި މައިންބަަފައިންނަށް ދުޢާ ކުރުން ބަޔާން ކޮށްދެއްވާފައިވާތީ ، ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މައިންބަފައިންގެ މައްޗަށް ދުޢާ ކުރާހާ ހިނދަކު އެމީހަކީ ޞާލިޙް އަޅެކެވެ.

(ޝައިޚް ޢަބުދުއްސައްތާރު ޢަބުދުއްރަޙްމާންގެ ދަރުހަކުން)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!