ދީން

މާތް ﷲގެ ރުހިވޮޑިގަތުން ލިބޭނީ ތިމާ ކައި އުޅޭ އެއްޗެއްސަކީ ޙަލާލު އެއްޗެހި ކަމުގައި ހަދައިގެން: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!

Ads by Sosun Fihaara

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ ކެއިންބުއިމުގެ އިސްލާމީ އަދަބުތަކުގެ މައްޗަށެވެ.

އެގޮތުން ކާނާއަކީ އިންސާނާއަށް ޒަރޫރީ އެއްޗަކަށްވާތީ އިންސާނާއަށް ކާބޯތަކެއްޗާއި ނުލައި މި ދުނިޔޭގައި ނޫޅެވޭނެކަން ޚުތުބާގައި ވެސް ބަޔާން ކޮށްފައިވެއެވެ. އިންސާނުން ކާނާއާ މެދު ދެކެން ޖެހޭނީ އެއީ ދިރިހުރުމުގެ ވަސީލަތެއް ކަމުގައި ކަމަށާއި އެއީ އެއްވެސް ހާލެއްގައި އޭނާގެ ލަނޑުދަނޑިއެއް ނޫން ކަމުގައި ވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ކާނާއިން މުސްލިމަކަށް ހާސިލުވާން ޖެހޭ މަޤްސަދަކީ، މާތް ﷲ އަންގަވައިފައިވާ ގޮތަށް މިދުނިޔޭގައި އުޅެ، އެކަލާނގެ ރުހިވޮޑިގަތުން ހާސިލުކުރުމެވެ. މި ރުހިވޮޑިގަތުން އޭނާއަށް ލިބޭނީ، މާތް ﷲ އަންގަވާފައިވާ ގޮތަށް ކާބޯތަކެތި ހޯދައިގެންނެވެ. އަދި އޭނާ ކައި އުޅޭ ތަކެތި، ޙަލާލު އެއްޗެހި ކަމުގައި ހަދައިގެންނެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައި އުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!

މުސްލިމުން ކައިބޮއެ އުޅެންވާނީ މާތް ﷲ އަޅަމެންނަަށް ޙަލާލުކޮށްދެއްވާފައިވާ ތަކެއްޗެވެ. އެމީހުންނާ ޙަރާމް ކުރައްވާފައިވާ އެއްޗެއްސާ ދުރުހެލިވާން ޖެހޭނެއެވެ. ކާންވީ އެއްޗެއްސާއި ނުކާންވީ އެއްޗެހި، އެނގުމަށް ފަހު ދެން ބަލަންޖެހޭނީ ކާންވީ މިންވަރަށެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ!

ކެއިންބުއިމުގެ އިސްލާމީ އަދަބުތަކަށް ބަލާއިރު، މަޤްސަދަކަށް ވާން ޖެހޭނީ، މާތް ﷲ އަށް ކިޔަމަންގަތުމާއި، ތިމާގެ ވާޖިބުތަކާއި، މަސައްކަތްތައް ކުރުމަށް ބޭނުންވާ ހަކަތައާއި، ވާގިވެރިކަން ހޯދުމުގެ ނިޔަތުގައި ކެއުމާއި ބުއިމެވެ. ކެއިންބުއިމުގެ އަދަބުތަކުގެ ތެރޭގައި މާތް ﷲ ގެ އިސްމުފުޅުން ފެށުމާއި ކަނާތުން ކެއުމާއި ބުއިން ހިމެނެއެވެ.

މާތް ނަބިއްޔާ (ޞޢވ) ޙަދީޘްކުރައްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިބާ ބިސްމި ކިޔާށެވެ. އަދި ކަނާތުން ކާށެވެ. އަދި ތިބާއާ ކައިރިން ކާށެވެ.

ކާން ނުވަތަ ބޯން ފެށުމުގެ ކުރިން ބިސްމި ކިޔަން ހަނދާން ނެތިއްޖެ ނަމަ ކަންކުރަންވީ ގޮތް ވެސް ކިޔައިދެއްވައިފައިވެއެވެ. ރަސޫލާ (ޞޢވ) ޙަދީޘްކުރައްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާ ނަމަ ފަހެ ބިސްމިﷲ ކިޔައިހުށިކަމެވެ! ކާން ފެށި އިރު ބިސްމި ކިޔަން ހަނދާން ނެތުނު ނަމަ بِسْمِ اللهِ فِي أَوَّلِهِ وَآخِرِهِ މިފަދައިން ކިޔައިށެވެ!

ކައިނިމިގެން މާތް ﷲ އަށް ޙަމްދު ކުރުމަކީ ވެސް ކެއިން ބުއިމުގެ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެއީ އަހަރުމެންގެ އެއްވެސް އާރެއް ބާރެއް ނެތި ﷲ ތަޢާލާގެ ދީލަތިވަންތަކަމުން އަހަރެމެންނަށް ރިޒްޤު ދެއްވިކަމަށް ޓަކައި، އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ މާތް ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!