އުތުރު ތިލަފަޅު ވިއްކާލުމުގެ ހަގީގީ މޭސްތިރިއަކީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް ނާޒިމްކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.
ސައީދު މިފަދައިން ތުހުމަތުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ވެފައި އޮތް އެއްބަސްވުމެއް ކަމަށެެވެ. ސައީދު ވަނީ އެ އެއްބަސްވުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެވިފައި އޮތް ކަމެއްތޯ ދިވެހި ސިފައިންނާ ސުވާލު ކުރައްވައިފައެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމާއި ދިވެހިންގެ މުސްތަގްބަލާ ގުޅެނީ ވަރަށް ނުރައްކާތެރި ހިސާބަކުން ކަމަށެވެ. އަދި މިތަން ވިއްކާލުމުގެ މޭސްތިރިއަކީ ކާނަލް ނާޒިމްކަމަށް ސައީދު ވަނީ ތުހުމަތު ކުރައްވައިފައެވެެ.
މިހާތަނަށް ކުރެވުނު ތަޖުރިބާގައި ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް ގަބޫލެއް ނުކުރާ ކަމަށާއި ޔާމީން އަރިހުގައި މަސައްކަތް ނުކުރާނެ ކަމަށް ނާޒިމް ވިދާޅުވުމާ ގުޅިގެން ސައީދު ވިދާޅުވީ ރައީސް ޔާމީންއާ ބެހޭގޮތުން އެ ފެންވަރަށް ވާހަކަ ދެއްކެވުމަކީ ހުތުރު ކަމެއް ކަމަށެވެ. އަދި އެއަށްވުރެ ޒިންމާދާރު ވާން ޖެހޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.