އަލީ ވަހީދުގެ މައްސަލައިގައި އަޑުބަރޭއަށް ފިޔަވަޅު އަޅަންޖެހޭ: ހައި ކޯޓު
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިިޔަވަޅު އަޅަންޖެހޭ ކަމަށް ހައި ކޯޓުގެ ހުކުމުގައި މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލިފައިވަނިކޮށް ބޭސްފަރުވާއަށް އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ވަޑައިގަތީ، އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން އަޑުބަރޭ ކޯޓުގައި ޖާމިނުވުމުންނެވެ. ނަމަވެސް މުއްދަތު ހަމަވިއިރު ވެސް، އަލީ ވަހީދު އެނބުރި ވަޑައިނުގަތުމުން އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ދައުލަތުން އެދުނަސް، ކްރިމިނަލް ކޯޓުން ނިންމީ އޭނާއަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަންނަވާނެކަން ކަށަވަރު ކުރުމަކީ އަޑުބަރޭގެ ޒިންމާއެއް ކަމަށާއި އެކަން ނުކޮށްފި ނަމަ އޭނާއާ މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ. ނަމަވެސް ކޯޓުގައި ބުނި މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ އެނބުރި ވަޑައިނުގަތުމުން، އަޑުބަރޭގެ ފަރާތުން ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ވެސް އެ ހުކުމުގައިވެއެވެ.
"އަލީ ވަހީދު ރާއްޖެ ގެނައުމާ ގުޅޭގޮތުން ޖާމިނުވި އަސްހަދު އަލީގެ ފަރާތުން ކޮށްފައިވާ ކަމެއް ފެންނާކަށް ނެތެވެ. އޭގެ އިތުރުން އަސްހަދު އަލީ ވެފައިވާ އިގުރާރާ އެއްގޮތަށް އަމަލު ކުރުވުމަށް ޓަކައި ދައުލަތާއި އަދި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތެވެ" ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވެއެވެ.
ބޭސް ފަރުވާއަށް ތުރުކީއަށް ދިޔުމަށް ފަހުން އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް ދަތުރު ކޮށްފައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މަައްސަލަތައް ހައި ކޯޓަށް ހުށަހަޅައިފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން ނިންމީ ދައުލަތުން އެދިފައި އޮތީ މާ ކުރިން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް ކަމަށްވާތީ ކަމަށެވެ. ދައުލަތުން އެދުނީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު އޭނާއަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށެވެ. އެކަމަކު އެ ޕާސްޕޯޓް އޮތީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައެވެ.