ރީނދޫ ދަތްޕިލަ ހުދުކޮށްލުމަކީ ދާދި ފަސޭހައިން ކޮށްލެވިދާނެ ކަމެއް
ހިނިތުންވެލުމާ އެކު ރީތި ސާފު ދަތްޕިލައެއް ފެނުމަކީ ހަމަ ކޮންމެ މީހަކު ވެސް އެދޭނެ ކަމެކެވެ. ހިނިތުންވުން ފުރިހަމަ ވާ އެއްކަމަކީ ސާފު ހުދު ދަތްޕިލައެއް ކަމަށްވީއިރު އަނގައިގެ ސިއްޙަތަށް ޓަކައި ދަތްތައް ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދަތްޕިލަ ހަޑިކޮށް ރީނދޫ ކުލައިގައި ހުރުމަކީ އެތައް ބަޔަކަށް ފާހަގަވާނެ ކަމެކެވެ. ރީނދޫ ކުލައިގައި ހުރުމަކީ ސިއްހީ މައްސަލައެއްގެ ސަބަބުން ވާކަމެއް ނޫނެވެ. އެއީ ދަތްތައް ގަވައިދުން ސާފު ނުކުރެވޭތީ މެދުވެރިވާ ކަމެކެވެ. ނަމަވެސް ރީނދޫ ދަތްތަކެއް ސާފު ކޮށްލަން ގޭގައި ވެސް ކުރެވޭނެ ވެސް ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.
ދަތްތައް ހަޑިވާން އާއްމުގޮތެއްގައި މެދުވެރިވާ ސަބަބަކީ އަހަރެމެންގެ އާއްމު ދިރިއުޅުމުގައި ކުރެވޭ ބައެއް އަމަލުތަކުގެ ސަބަބުންނެވެ. މިސާލަކަށް ބުނާ ނަމަ، ގިނައިން ސިނގެރޭޓު ބުއިމާއި ދުންފަތް ލައިގެން ދުފާ ހެދުމާއި އަދި، ބަނގުރަލުގެ ބާވަތްތައް ބޭނުން ކުރާނަމަ ދަތްޕިލަ ރީނދޫ ވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ޗޮކްލެޓާއި އެނާޖީ އަދި ފިޒީ ޑްރިންކްތައް ގިނައިން ބޮއެ ހެދުމުން ވެސް ދަތްތައް ހަޑިވާން މެދުވެރިވެއެވެ. ގަވައިދުން ދަތްތައް ސާފު ނުކުރަންޏާ ވެސް ދަތްތައް ރީނދޫވެއެވެ.
ބޭކިން ސޮޑާއަކީ ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރާ އެއްޗެކެވެ. މިގޮތުން ދަތްތައް ރީނދޫވާ ނަމަ ސާފުކުރުމަށް ނުވަތަ ހުދު ކުރުމަށް 1 މޭޒުމަތީ ސަމުސާ ބޭކިންގް ސޮޑާ ތެރެއަށް 2 މޭޒުމަތީ ސަމުސާ ހައިޓްރޮޖެން ޕެރޮކްސް ސައިޑް އެޅުމަށްފަހު ޕޭސްޓެއް ހަދާށެވެ. އަދި އެ ޕޭސްޓް ކޮޅު ދަތްއުނގުޅާ ބުރުހުގައި ހޭކުމަށް ފަހު ދެތިން މިނެޓް ވަންދެން ރަނގަޅަށް ދަތް އުނގުޅާށެވެ. މިގޮތަށް ގަވައިދުން ކަންތައް ކުރުމުން ދެތިން ހަފްތާ ތެރޭގައި ދަތްތަކުން ރީނދޫ ކުލަ މަޑުވެ ދަތްތައް ހުދުވާން ފަށާނެއެވެ.
ޗާކޯލްއަކީ މޫނުމަތީގައި ހުންނަ ބިއްސާއި އެކިކަހަލަ ލަކުނުތައް ފިލުވުމަށް ބޭނުންކުރާ އެއްޗެކެވެ. އެގޮތުން، ކޮންމެ ދުވަހަކު ޗާކޯލް ބޭނުންކޮށްގެން ދެތިން މިނެޓް ވަންދެން ދަތް އުނގުޅާށެވެ. މީގެ ސަބަބުން ދަތްތައް ސާފުވެ، ދަތްތަކުގައި ހުންނަ ޖަރާސީމްތައް މެރުމަށް އެހީތެރިވެއެވެ. ޗާކޯލްގެ އިތުރުން، ފެން ގިނަ މޭވާ ގިނައިން ކެއުމުން ވެސް ދަތްތައް ސާފުވުމަށް އެހީތެރިވެދެއެވެ. އެގޮތުން އޮރެންޖު ،ކަރާ އަދި މޭބިސްކަދުރު ފަދަ މޭވާތައް ގިނައިން ކެއުމަށް އާދަކުރާށެވެ.
ތަރުކާރީގެ ބާވަތެއް ކަމަށްވާ ކެރެޓަކީ ވެސް، ދަތްތަކުގައި ހުންނަ ޖަރާސީމް މަރައި، ދަތްތައް ސާފުކޮށްދިނުމަށް އެހީތެރިވާ ތަރުކާރީއެކެވެ. މީގެ އިތުރުން ކާށި ތެލުން ދަތް އުނގުޅުމުން ވެސް ދަތްތައް ރީނދޫވުމުން ދުރުކޮށްދެއެވެ. ބައެއް މޭވާ ތޮށީގެ ތެރެއިން އާފަލް ތޮއްޓާއި ލުބޯ ތޮއްޓާއި އޮރެންޖު ތޮއްޓާއި އަދި ދޮންކެޔޮ ތޮއްޓަކީ ދަތްތައް ސާފުކޮށް ހުދުކޮށް ބެހެއްޓުމަށް އެހީތެރިވާ އެއްޗިއްސެވެ.