ކްރިމިނަލް ކޯޓުގައި ޕީޖީ ތާއީދު ކުރީ އަޅުގަނޑު ފުރުވައިލަން، ޝަރީއަތުގެ އޯޑިއޯ ރިކޯޑިންއިން ކަށަވަރު ކުރެވޭނެ: އަލީ ވަހީދު
ޖިންސީ ގޯނާއާއި ރޭޕް ކުރިކަމުގެ ދައުވާތަކެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ރާއްޖެއިން ބޭރަށް ފުރުވައިލަން ޕްރޮސެކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމް ތާއީދު ކުރެއްވި ކަމަށް އަލީ ވަހީދު ތުހުމަތު ކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގައި "ހައްޔަރު ކޮށްފައި" ހުރި ކަމަށް ބުނެފައިވާ އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގައި ޕީޖީ ތާއީދުކުރީ އޭނާ ބޭރަށް ފުރުވައިލާން ކަމަށާއި ކޯޓުގެ ޝަރީޢަތުގެ އޯޑިއޯ ރިކޯޑިންއިން މިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
"އާ ޕާސްޕޯޓެއް ހަދާ، ފުރަން މަޖުބޫރު ކުރުވީ އެރެއިން އެރެއަށް. ޖޭއެސްސީ ހިސޯރު ކޮށްގެން ދެން މަސައްކަތް ފެށީ ފަނޑިޔާރު ހަވަރަށް ދީ ހަރާމް ހުކުމެއް ކުރުވަން" އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ، އޭނާ ބޭރަށް ފުރައިގެން ނުދިޔުމަށް ބާތިލު ކުރީ، ކުރީގެ ޕާސްޕޯޓެއް ކަމަށް ހައި ކޯޓުގެ ހުކުމުން ބުނުމާ ގުޅިގެންނެވެ. އެ ހުކުމުގައި ބުނެފައި ވަނީ އެއިރު ހިފަހައްޓައިފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ވަހީދު ހުންނެވިއިރު، އޭނާއަށް ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓު ކަމަށެވެ. އެކަމަކު އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
އެކަމާ ގުޅިގެން އަލީ ވަހީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، އޭނާއާ ދޭތެރޭ ދައުލަތުން (ޕީޖީއިން) ވެފައިވާ އިހުމާލު ހައިކޯޓުގެ ހުކުމުން ދަލީލުކޮށްދޭ ކަަމަށެވެ.
" ފޮތް ނުކިޔާކަން ޔަޤީންވޭ. ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން ދަޢުލަތް ހަރާބު ވެއްޖެ. މައްސަލަ ބަލާ އޭނާ ވަކިކުރަން ޖެހޭ. އޭނާއަކީ ވަގު ފައިސާގެ ދިފާޢީ ވަކީލު. މަގާމަށް ކުފޫ، އުންސުރު ހަމަނުވޭ!" އަލީ ވަހީދު ތުހުމަތު ކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ރޭޕް ކުރި ކަމުގެގެ ދައުވާތަކެއް އުފުލިފައި ވަނިކޮށް އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އިން ބޭރަށް ވަޑައިގަތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިިނަލް ކޯޓުން ބާތިލު ކުރުމުންނެވެ. އޭރު ދައުލަތުން ބުނަމުން ދިޔައީ އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ދޫކުރީ ޑޮކްޓަރުންގެ ލަފައަށް ބިނާކޮށް ކަމަށެވެ.
ނަމަވެސް ޕާސްޕޯޓު މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމުން ހާމަވެފައި ވަނީ، އަލީ ވަހީދުގެ ހިފެހެއްޓީ މާ ކުރިން ވެސް ކެންސަލު ކޮށްފައިވާ ޕާސްޕޯޓެއް ކަމަށެވެ.