ސަރުކާރު

އެޗްއާރްސީއެމަށް އައު މެންބަރަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް އައު ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

Ads by STELCO

އެޗްއާރްސީއެމްގެ މެންބަރަަކަށް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބުއަށެވެ. އޭނާއަށް ރުހުން ދިނީ މިއަދުގެ ވޯޓުގައި ބައިވެރިވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޝަންގެ މެމްމަބަރަކަށް ވާން ޝައުގުވެރިވާ މީހުން ހޯދަން އިއުލާނު ކުރުމުން، ކުރިމަތިލީ މީހުންގެ ތެރެއިން 14 ނަމެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. އެ ނަންތައް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރުމަށް ފަހު، ފާސްކުރީ އެޗްއާރުސީއެމްގެ މެންބަރަކަށް ސަމާއު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވުމަށެވެ.

ތަޢުލީމީ ގޮތުން ވެސް ތަޖުރިބާ ހުރި ސަމާއު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިފައެވެ. އަދި މެލްބަން ލޯ ސުކޫލުން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ކިޔަވައި ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް އޮފީހާ ސަމާއު ގުޅިވަޑައިގެންނެވީ 6 މެއި 2015 ގައެވެ. އަދި ސިވިލް ލިޓިގޭޝަނާއި ގާނޫނީ ލަފާ ދެއްވުމާއި ގާނޫނު ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް އެ އޮފީހުގައި އޭނާ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!