ޚަބަރު

"ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

ރައުފާ ރަޝީދު

"ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފިއެވެ.

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ހިދުމަތާއެކު ލިބޭ އެންމެބޮޑު ފަސޭހައަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް، ސަރުކާރުގެ އޮފީހަކަށް ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން ކަމަށެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި މި ޚިދުމަތަކީ ރައްޔިތުންނާއި ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއްކަމަށާ އަދި މިއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމަކަށް ވެގެންދާނެކަމުގައި ވިދާޅުވިއެވެ.

މި ޚިދުމަތުން ލިބިދޭ ލުއިފަސޭހަތަކުގެ ތެރޭގައި، ޢާންމު ރައްޔިތަކު ކަމެއް ހުށަހެޅުމަށް ޓަކައި އެ އޮފީހަކަށް ދާން ނުޖެހުމާއި ރަސްމީގަޑި ފެށެންދެން އެކަމެއް ހުށަހަޅަން މަޑުކުރަން ނުޖެހުމާއި އަދި އެ ހުށަހެޅި ކަމަކާ މެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލޭނެގޮތަށް ހަމަޖެހިފައި އޮތުން ފަދަ ފައިދާތައް ހިމެނެއެވެ. މި ޚިދުމަތާއެކު އިދާރާތަކަށް ކުރާނެ ފައިދާތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސިޓީ ބަދަލުކުރުމުގެ ނިޒާމު، ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ތެރެއިން ސީދާ ރައްޔިތުންނަށް ސިޓީ ފޮނުވޭނެ ގޮތްވުމާއި ސިޓީއާއި ޝަކުވާ ހުށަހަޅަން އޮފީހުގެ ކައުންޓަރަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭ ގޮތްވުމާއި ރައްޔިތުން ހުށަހަޅާ ސިޓީ/ޝަކުވާ ފަދަ ލިޔުންތައް މެނޭޖްކުރަން ފަސޭހަވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ މި ނިޒާމުގެ ޙަޤީޤީ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް ޓަކައި ޢާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަން ނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ޤާއިމުކުރަންޖެހޭ ކަމުގައެވެ. މި ޚިދުމަތް ފެށުމާ އެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާންމު މިންގަނޑުތަކާއި ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް އާންމުކުރެވި އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ޤާއިމުކުރެވޭނެއެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ނުލިބޭ ނަމަ، ހަމަ މިނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާއިރު، ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއް ވަގުތެއްގައި ބެލެން ހުންނާނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެކަންކަމުގެ ތަފްޞީލުތަކަށް ވެސް އަލިއަޅުވާލައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތާއެކު ޤާނޫނީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކަށް ދުރާލައި ޙައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލެއް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާކަމަށެވެ. ހަމަ އެއާ އެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް ފަރުމާ ކުރަމުން އަންނަކަމަށާ، ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެއްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށް ޓަކައި، ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަށް ޤައުމު ގެންދިއުމަކީ ވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށާއި އެކަމަށް ޓަކައި، ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި  ބޭއްވި މި ރަސްމިއްޔާތުގައި ކެބިނެޓްގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެންސީއައިޓީގެ އިސްވެރިން  ބައިވެރިވެވަޑައިގެންނެވިއެވެ.

  1. ފޭރޭޭ

    ޓުރޭޑްް މިނިސްް ޓުރީއަށްް ކޮމްޕެނީީ ޕުރޮފައިލްް ހޯދަންް ހުށަައެލިފަހުންް 10ދުވަސްް މިޖެއްސުންް މެއްނުު ތިކުރަނީީ

  2. ޒާހިރު150

    އަޅުގަންޑުހީކުރިއްރައިސްސޯލިހުއަކީވަރައްރަގަޅުއިހުލާސްތެރިއެއްކަމައް.ނަމަވެސްހީކުރިގޮތާމުޅިއްހިލާފު.،.،. ނިކައްވިސްނާފިކުރުކޮއްބަލަ.،މިދިވެހިގައުމުކުރިއެރުވުމައްޓަކާރައިސްޔާމީނުކޮއްދެއްވިއަގުހުރިބުރަމަސެއްކައްތުއް.ލިބޭފާދާއިން.ރައިސްސޯލިހުގެސަރުކާރުއްނަގާހާލޯނުތަޢްދައްކަމުއްތިއަގެއްދަވަނީ)ރައިސްސޯލިހުގެއުރުއްޕަތެއްހުރިނަމަ.ރައިސްޔާމީން)މިހާރުއްމިހާރައްދޫކޮއްލާ