މުނިފޫހިފިލުވުން

މޫސުމާ ނުގުޅޭ ހެދުމެއްލުމުން ދީޕިކާއަށް ވެސް ފާޑުކިޔުން އަމާޒުވެއްޖެ

މަރްޔަމް ވަޙީދާ

މި ދުވަސްކޮޅަކީ ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި މަޝްހޫރު މީހުން، ލައިގެން ހުންނަ ތަފާތު ހެދުންތައް ފެންނަ ދުވަސް ވަރެކެވެ. ހަމަ އެފަދައިން، އެމީހުން ހެދުން އަޅައިފައި ތިބި ގޮތާ މެދު ފާޑު ކިޔާ މީހުން ވެސް މިދުވަސްކޮޅު ގިނަކަން ފާހަގަވެއެވެ.

ނިއު ޔޯކްގައި ބޭއްވި މެޓްގާލާގައި ބައިވެރިވި ފަންނާނުން ލައިގެން ތިބި ބައެއް ހެދުންތަކަށް އެތައް ބަޔަކު ފާޑު ކިޔައި، އެ ފޮޓޯތައް އިންޓަނެޓުން ނުފިލައިގެން އުޅެނިކޮށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޯންގެ ނަން ވެސް މިވަނީ ހަމަ އެފަދައިން މީހުންގެ ކޮމެންޓުތަކަށް އަރައިފައެވެ.

އާންމުގޮތެއްގައި ވަރަށް ސްޓައިލިޝް ކަމަށް ފެންނަ ދީޕިކާ، އިއްޔެ އެއާޕޯޓަށް ދިޔައިރު ލައިގެން ހުރި ހެދުމުން އެތައް ބަޔަކު ވަނީ އޭނާއަށް ފާޑު ކިޔައި އިންޓަނެޓްގައި ހަނގާ ކޮށްފައެވެ.

މުމްބާއީގެ ޕްރައިވެޓް އެއާޕޯޓަކަށް ވަންނަނިކޮށް އިއްޔެ ދީޕިކާ ފެނިގެން ޕަޕަރާޒީން ވަނީ އޭނާގެ ފޮޓޯ ނަގައިފައި މީސް މީޑިއާގައާއި ޚަބަރުތަކުގައި ވެސް އާންމު ކޮށްފައެވެ.

ދީޕިކާ ލައިގެން ހުރީ ފެހި ކުލައިގެ އޯވަރޯލް ހެދުމަކާ އެކު ދިގު "ވިންޓާ" ކޯޓެކެވެ. އޭނާގެ އެ ހެދުން ފެނިފައި، މިހާރުއްސުރެ ފިނި މޫސުން އައީތޯ ބައެއް މީހުން ވަނީ ސުވާލު ކޮށްފައެވެ. އަނެއް ބަޔަކު ބުނެފައި ވަނީ، ދީޕިކާ އަވަހަށް ފުރަން ދާން ވެގެން މިއީ ކޮން މޫސުމެއްކަން ހަނދާން ނެތުނީ ކަމަށެވެ.

ދީޕިކާގެ ހެދުން އެޅުމުގެ ސްޓައިލް އިއްޔެ ހުރި ގޮތް ފެނިފައި ބައެއް މީހުން އެ ކަމުގައި ކުށްވެރި ކުރީ އޭނާގެ ފިރިމީހާ ރަންވީރް ސިންގއެވެ. އެމީހުން ބުނީ، ހެދުން އަޅަންވީ ރަނގަޅު ގޮތް ރަންވީރާ ކައިވެނި ކުރި ފަހުން ދީޕިކާ ވެސް ހަނދާން ނެތެމުން ދަނީ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!