އުދޭއާ އެކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވާހަކަ ކުރިން ހާމަ ނުކުރެވުނީތީ ދެރަވޭ: ނަރްގިސް
ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ނަރްގިސް ފަޚްރީއާއި އުދޭ ޗޯޕްރާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް، އެއް ޒަމާނެއްގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން ދިޔައެވެ.
ދެ ތަރިން އެކުގައި ޕާޓީތަކަށާއި އެހެނިހެން ޙަފްލާތަކަށް ވެސް އަދި އެކުގައި ޗުއްޓީ ހޭދަ ކުރަން ތަންތަނަށް ވެސް ގޮސް އުޅުން ނަމަވެސް، ދެ މީހުންގެ މެދުގައި އޮތް ގުޅުމާ ބެހޭގޮތުން ވަނީ ހަނު ހުރެފައެވެ.
ނަމަވެސް ދާދި ފަހުން ނަރްގިސް ދިން އިންޓަވިއު އެއްގައި ވަނީ، އުދޭއާ އެކު ފަސް އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އެއްބަސް ވެފައެވެ.
މިހާރު ޖަސްޓިން ސަންޓޯސްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ނަރްގިސް ބުނީ އުދޭއާ އެކު ފަސް އަހަރު ދުވަހުގެ ލޯބީގެ ގުޅުމެއްގައި އުޅުނު ކަމަށާއި އުދޭއަކީ އިންޑިއާއިން އޭނާއަށް ފެނުން އެންމެ ރީތި މީހާ ކަމަށެވެ.
"އުދޭއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ކުރިން ނުބުނެވުނީތީ މިހާރު ދެރަވޭ. މީޑިއާތަކުގައި ކުރިން އަހަރެން މި ވާހަކަ ނުބުނީ، އަހަރުމެންގެ ގުޅުމުގެ ވާހަކަ ސިއްރު ކުރަން ވާނެ ކަމަށް މީހުން ނަސޭހަތް ދިނީތީ. އެކަމަކު މިހާރު އެކަމާ ދެރަވޭ. އުދޭ ކަހަލަ ރަނގަޅު މީހަކާ އެކީ އުޅޭކަން އަޑުގެ ނެތް ކޮޅަށް ގޮވުނު ނަމައޭ މިހާރު ހިތަށް އަރާ" ނަރްގިސް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނީ މީސް މީޑިއާއާއި މީޑިއާތަކުގައި ވެސް ގިނައީ ފޭކް މީހުން ކަމަށާއި އެތަންތަނުގައި ބޮޑަށް މަޝްހޫރު ކޮށްފައި ވަނީ "އަޑި ނުބައި" މީހުން ކަމަށެވެ. އުދޭގެ ވާހަކަ މުޅި ދުނިޔެއަށް ހާމަ ކުރަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކަމުގައި ނަރްގިސް ބުންޏެވެ.