ބޮލީވުޑް

ޝެހްނާޒްގެ ހާލު އަންނަނީ ރަނގަޅުވަމުން، އެންމެ ބޮޑު ހިތްވަރަކަށްވީ ސިދާތުގެ މަންމަ

މަރްޔަމް ވަޙީދާ
ސިދާތު އާއި ޝެހެނާޒް

އެކްޓަރ ސިދާތު ޝުކްލާގެ ވަކިވުން ވެގެން ދިޔައީ އޭނާގެ އާއިލާއާއި ގާތް މީހުންގެ އިތުރުން ފޭނުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ. މި މަހުގެ 2 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ސިދާތު މަރުވީ މުމްބައީގައި އޭނާ ދިރިއުޅޭ ގޭގައެވެ. އަދި އެ ހާދިސާ ވެގެން ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނަށް ވެސް ލިބުނު ކުއްލި ސިހުމަކަށެވެ.

ސިދާތުގެ މަރާ ގުޅިގެން އެންމެ ބޮޑަށް ދެރަވެ ހާލު ގޯސްވި އެކަކީ، އޭނާގެ ލޯބިވެރިޔާ ޝެހްނާޒް ގިލްއެވެ. ޝެހްނާޒްގެ ބޭބެ ޝެހްބާޒް މީޑިއާތަަކަށް މައުލޫމާތު ދެމުން ބުނީ، ޝެހްނާޒްގެ ހާލު އެއިރު ވަރަށް ދެރަ ކަމަށާއި އޭނާއަށް ރަނގަޅަށް ނުކެވޭ ކަމަށެވެ. އޭނާގެ ކޮއްކޮއަށް ރަނގަޅަށް ނުވެސް ނިދޭ ކަމަށް ބުނެ ޝެހްބާޒް ބުނީ ޝެހްނާޒްއަށް އަބަދު ރޮވެނީ ކަމަށެވެ.

އެ ހިތްދަތި ވަގުތުގައި ޝެހްނާޒްއަށް އެންމެ ބޮޑަށް ހިތްވަރު ދިނީ ސިދާތުގެ މަންމަ ރީޓާ ޝުކްލާ ކަމަށް ވެސް ޝެހްބާޒް ބުންޏެވެ. ޝެހްބާޒް ބުނީ، އަމިއްލަ ދަރިފުޅުގެ މަރާ ގުޅިގެން ރީޓާ ވެސް ހުރީ ވަރަށް ދެރަ ވެފައި ކަމަށާއި އެހެން ނަމަވެސް ވަރަށް ހިތްވަރާ އެކީ ޝެހްނާޒްއަށް ކައުންސެލިންގދީ އޯގާތެރިވާ ކަމަށެވެ.

ޝެހްބާޒް ބުނީ، ރީޓާ ޝެހްނާޒްއަށް ނަސޭޙަތްތެރި ވަނީ އުނދަގުލުން ނަމަވެސް ކައިގެން ބޮއެގެން އުޅުމަށާއި އެއީ ސިދާތު ވެސް ބޭނުން ވާނެ ގޮތް ކަމަށެވެ. އަދި ހިތްވަރާއެކީ މަސައްކަތުގެ މާހައުލަށް އަލުން ނުކުމެ، މީހާ ބިޒީ ވުމަށާއި އެކުވެރިންނާ އެކު ވަގުތު ހޭދަ ކުރަން ބުނި ކަމަށް ވެސް ޝެހްބާޒް ބުންޏެވެ.

ރީޓާގެ އޯގާތެރި ބަސްތަކުން ޝެހްނާޒްއަށް އަސަރުކޮށް، އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާގެ ބޭބެ ޝެހްބާޒް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!