ސިޔާސީ

"އެންމެ ދުވަހަކަށް ރައީސް ޔާމީން މިނިވަން ވިޔަސް މި ވެރިކަމެއް ނޯންނާނެ"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޖަލު ހުކުމެއްގައި މި ވަގުތު ހުންނެވި، ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެންމެ ދުވަހަކަށް ވެސް މިނިވަންވެއްޖެ ނަމަ، އެމްޑީޕީގެ ވެރިކަން ދެމި ނޯންނާނެކަމަށް އެ ބޭފުޅުން ޤަބޫލުފުޅު ކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން، މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ކަފާލާތުގެ ދަށުން ވިޔަސް، ރައީސް ޔާމީން މިނިވަން ކުރަން އެމްޑީޕީ ބޭފުޅުން ޖެހިލުންވާ ކަމަށާއި ރައީސް ޔާމީން މިނިވަންވުމާ އެކު، މި ވެރިކަން ދެމި ނޯންނާނެ ކަމަށް ޚުދު އެމްޑީޕީއިން ވެސް ޤަބޫލު ކުރާކަމަށް އަދުރޭ ވިދާޅުވިއެވެ،

"އެމްޑީޕީގެ އިސް ބޭފުޅުން ޤަބޫލުފުޅު ކުރައްވާ ގޮތަކީ، ކަފާލާތުގެ ދަށުން ނަމަވެސް ރައީސް ޔާމީނަށް މިނިވަން ކަމެއް ލިބިވަޑައިގެން މަގުމައްޗަށް ދެ ދުވަހު ހަމައަށް ވަޑައިގެންނެވުނަސް މި ސަރުކާރު ނޯންނާނެ ކަން. މިއީ މިއަދު ވެސް އެމީހުން ދައްކަމުން ގެންދާ ވާހަކަ." އަދުރޭ ވިދާޅުވީ، ކޮންމެ ގޮތެއް ހަދައިގެން ވެސް ރައީސް ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން އެމްޑީޕީން ބޭނުންވާ ކަމަށެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖަމާކޮށް, އެ ފައިސާގެ އަސްލު އޮޅުވައިލައި އޭގެން މަންފާ ހޯދާފައިވާކަމަަށް ބުނެ ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް މިހާރު ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލައި, ހުކުމް ތަންފީޒުކުރުން ފަސްކޮށްދޭން ސުޕްރީމް ކޯޓުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިފައެވެ. ހައިކޯޓުގައި ވެސް ޔާމީންގެ ފަރާތުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދުނެވެ. ނަމަވެސް, އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަަމަށެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫނުކޮށްދޭން ނިންމީ، މައްސަލަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ބުނެ ކަމަށާއި، ނަމަވެސް އާޚިރުގައި މައްސަލަ އަހަރަކަށް ދެމިގެން ދިޔަ ކަމަށެވެ.

"ރައީސް ޔާމީންގެ ވާހަކަ އަޅުގަނޑުމެން ދެއްކީމަ، ބައެއް މީހުންނަށް ހަޖަމެއް ނުކުރެވޭ. ހަޖަމް ނުކުރެވެނީ ސަބަބެއް އޮވެގެން. ވިސްނައިވަޑައިގަންނަވާ ރައީސް ޔާމީންގެ ކަފާލާތުގެ ކަންތައް ހައިކޯޓުގައި ހިނގާ ދިޔަ ގޮތް އަޅުގަނޑުމެން ވަރަށް ގާތުން ދުށީމު. ރައީސް ޔާމީނަށް ކަފާލާތު ނުދޭންވެގެން ކޯޓުން ބުނީ، މިއީ ކޯޓުގައި ދިގު ދެމިގެންދާނެ މައްސަލައެއް ނޫނޭ. އެހެންވީމަ ކަފާލާތު ދިނުމުގެ މާބޮޑު ބޭނުމެއް ނެތޭ. އެހެން ވިދާޅުވި، މައްސަލަ ހައިކޯޓުގައި ހިނގަމުން ދިޔަ އެއް އަހަރު ވަންދެން." އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ އަޑު އެހުމެއް މާދަމާ އޮންނައިރު، އަދުރޭ ވަނީ މި މައްސަލަ ކުރިޔަށްދާ ވަގުތު ވީހާ ވެސް ގިނަ ޕީޕީއެމް އަދި ރައީސް ޔާމީނަށް ތާޢީދު ކުރާ ފަރާތްތަކުން ކޯޓު ސަރަައްދަށް އެއްވުމަށް ގޮވައިލައްވައިފައެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި ދިވެހި ރައްޔިތުން ނިކުންނަކީ ދިވެހިންގެ މިނިވަން ކަމާއި، ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަށް ކަމަށެވެ. އަދި އެއީ ދިވެހިންގެ ޤައުމާއި ދީން ހިމާޔަތްކޮށް، ތަރައްޤީ ޤައުމުގައި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

"މާދަމާ ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގަޑީގައި އެތަނަށް ނިކުމެ ވަޑައިގެންދެއްވާށޭ. ރައީސް ޔާމީން ވެގެންނެއް ނޫނޭ ނިކުންނަންވީ. މިޤައުމު ސަލާމަތް ކުރަންވެގެންނޭ ނިކުންނަންވީ. ރައީސް ޔާމީން ނޫނީ އެކަން ކުރެވޭނެ އިތުރު ބޭފުޅަކު ނެތީމައޭ ނިކުންނަންވީ." އަދުރޭ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!