ވެމްކޯއިން މަގުމަތި ސާފުނުކޮށް ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތެއް ނުދޭނަން: މޭޔަރ

މާލޭގެ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯއާ ހަވާލުކޮށްފައި ވަނީ ފައިސާ ދީގެން ކަމަށާއި އެކަން އެހެން ނުކޮށް ސިޓީ ކައުންސިލަށް ޖެއްސުން ކުރުމުގެ ފުރުސަތެއް ވެމްކޯއަށް ނުދޭނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހޭ ފައިސާކަމަށް ބުނާ ފައިސާގެ ތަފްސީލީ މައުލޫމާތުތަކެއް ހިމަނައި މީގެ ކުރިން ކުރައްވައިފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން މޭޔަރ މުއިއްޒު ވިދާޅުވީ އެކަމަށް ސިޓީ ކައުންސިލުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށެވެ.
"މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯއަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯއިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލްއިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން" މޭޔަރގެ ޓްވީޓްގައި ވިދާޅުވިއެވެ.
މާލޭ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުން ކުރިޔަށް ނުގެންދާކަމަށް މޭޔަރު ކުރިން ކުރައްވާފައިވާ ޓްވީޓްގައި ފާހަގަ ކުރައްވައިފައި ވެއެވެ. އަދި އެކަން އިސްލާހު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އެ ޓްވީޓްގައި ވެސް މޭޔަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.