ޤުރުއާނާއެކު އުޅޭ ޢާއިލާއެއް ދުވަހަކު ވެސް އަބާއްޖަވެރިކަމުގެ ތެރެއަށް ނުދާނެ
ކީރިތި ޤުރުއާނަކީ އިލާހީ ޤާނޫނެވެ. މުސްލިމުންގެ ދުސްތޫރެވެ. އަހަރެމެންނަށް އޮތް ހިތްތަކުގެ ނޫރެވެ. އެފޮތުގައި ބަޔާން ނުކޮށް ދޫކޮށްލައިފައިވާ އެއްވެސް ކަމެއް ނުވެއެވެ.
މިމަތިވެރި ފޮތަކީ ހިތަށް ލައްޒަތު ލިއްބައިދޭ ޢާއިލާތަކަށް ހަމަޖެހުމާއި ލޯބި އިތުރުކޮށްދޭ ފޮތެކެވެ. ބަލިތަކަށް އޮތް ޝިފާއެކެވެ. ޤުރުއާން ކިޔަވަންވީ ހަމަ އެކަނި ބަރަކާތްތެރި ރަމަޟާން މަހަކު ނޫނެވެ އަހަރެމެން ބަލަންވީ އަބަދުވެސް މި ފޮތާ ވީހާ ވެސް ގާތުގައި އުޅެވޭތޯއެވެ. ހަމައެކަނި ކިޔަވައިލުމުން ފުއްދައިނުލާ އޭގެ މާނައާ މެދު ފިކުރުކޮށް ހަށިގަނޑާއި ހިތަށް ތަސައްލީ ހޯދާ ، ﷲއަށް ކުއްތަންވުމަށް މިއީ ފަހިކަން އޮތް ފުރުސަތެކެވެ. އަމުދުން އެންމެ މޮޅު އެއްގޮތް މެއެވެ.
ޤުރުއާނުގެ ފޮނިކަން ހޯދުމަށް ޢާއިލާގެ ތެރޭގައި މިފަދަ ކަންކަން ކުރެވިދާނެއެވެ.
1- ކީރިތި ޤުރުއާން ތިލާވަތުކޮށް އަޑު އެހުމުގެ ޙަލަޤާއެއް ކުރިޔަށް ގެންދިޔުން
2- ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޢާއިލީ ޙަލަޤާއެއް ކުރިޔަށް ގެންދިޔުން
3- ޢާއިލާގެ މެމްބަރުންގެ ތެރެއިން މަދުވެގެން އެކަކު ރީތިކޮށް ކިޔަވަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިކޮށް އެފަދަ މީހެއްގެ އެހީތެރިކަމާއެކު އެހެން މީހުންނަށް ތަޖުވީދަށް ރީތިކޮށް ކިޔަވަން ދަސްކޮށްދިނުން
4- ކީރިތި ޤުރުއާނުގެ ތަފްސީރު ކިޔުން
5- ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އަހަރެމެންނަށް ވަޙީކުރައްވާފައިވާ ބަސްފުޅުތައް ދެއްވާފައިވާ މެސެޖުތައް ދެނެގަތުމަށްޓަކައި ޢަރަބި ބަސް ދަސްކުރުން.
މިއީ މުޅި ޢާއިލާއަށް އުފާވެރިކަން ގެނުވާނެ ކަންކަމެވެ. ޤުރުއާން ބާވައިލައްވައިފައި ވަނީ އުފާވެރިކަމަށް ޓަކައެވެ.
مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ – {طه 2 } “އަހަރެން މިޤުރުއާން ތިބާގެ މައްޗަށް ބާވައިލެއްވީ، ތިބާގެ ހިތްދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ.”
ވަރަށް ބޮޑު ތެދެކެވެ. އެ ޤުރުއާން ބާވައިލެއްވީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ބާއްޖަވެރިކަމަށް ޓަކައެވެ.
ޤުރުއާނާއެކުގައި އުޅޭ ޢާއިލާއެއް ދުވަހަކުވެސް އަބާއްޖަވެރިކަމުގެ ތެރެއަކަށް ނުދާނެއެވެ. ޤުރުއާނަކީ މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭ ފޮތެވެ.