އެމްޑީޕީގެ އެތެރޭގެ އިންތިޚުގައި 92،743 މީހުނަށް ވޯޓް ލެވޭނެކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ދާއިރާތަކަށް ވޯޓުލާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ ފުރުޞަތު ހުޅުވައިލައިފައެވެ. އެގޮތުން ހުށަހަޅައިފައިވާ ޝަކުވާތަކާ އިންތިޚާބާ ބެހޭ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު މިހާރު އިޢުލާން ކޮށްފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއެވެ.
މީގެ އިތުރުން މައިގަނޑު 3 ކެޓެގެރީއެއްގެ މީހުންގެ ޝަކުވާއަށް ރިއާޔަތްކޮށްފައިވާކަމަށް އެ ޕާޓީން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކުގެ ނަން އުނިވެފައިވާ ކެޓެގެރީ، ޕާޓީގެ މެންބަރުން ނޫން އެހެން ފަރާތްތައް މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީ، އަދި އެހެން ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނަން އުނިކުރެވިފައިވާ ފަރާތްތަކުގެ ކެޓެގެރީ ހިމެނެއެވެ.
އެ ޕާޓީން ވިދާޅުވީ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކުގެ ނަން އުނިވެފައިވާ ކެޓެގެރީއާއި، ޕާޓީގެ މެންބަރުން ނޫން އެހެން ފަރާތްތައް މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީގައި ހިމެނޭ ފަރާތްތަކާ ގުޅޭ ގޮތުން ހުށަހަޅައިފައިވާ ޝަކުވާތަކުގައި އިންތިޚާބާބެހޭ ކޮމިޓީން ބަލައިފައި ވަނީ، އެ ފަރާތްތައް ޕާޓީއަށް ފޯމު ހުށަހެޅުމުން ޕާޓީއަށް ފޯމު ބަލައިގަތުމަށް ފަހު އެފަރާތަކަށް ދޫކުރާ ރަސީދު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ޕާޓީއަށް ހުށަހެޅުމުން އެފަރާތެއްގެ ޝަކުވާއަކީ ޞައްޙަ ޝަކުވާއެއްކަމުގައި ބެލުމުގެ އުޞޫލުން ކަމަށެވެ. އަދި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނަން އޮވެގެން ނަން އުނިކުރި ފަރާތްތައް، އެހެން ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ވަނީ ކޮން ތާރީޚެއްގައިކަން އިލެކްޝަންސް ކޮމިޝަނުން ޗެކްކުރުމަށް ފަހު، އެ ތާރީޚަކީ މި އިންތިޚާބުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ ދަފްތަރުގައި ނަން ހިމެނުމަށް އޮތް އެންމެ ފަހު ތާރީޚުކަމުގައިވާ 24 އޭޕްރީލް 2021ގެ ކުރީގެ ތާރީޚެއް ނަމަ، އެފަރާތެއްގެ ނަން ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި މިހާރު ހިމަނާފައި ވާނެ ކަމަށް ވެސް ޕަޓީން ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ ވޯޓަކާއި ނުލައި އިންތިޚާބު ވެފައެވެ.