ކޮވިޑް-19އާ ގުޅިގެން ދައުލަތުން ކުރަން ޖެހުނު ހަރަދުތައް 3.8 ބިލިއަނަށް އަރައިފި
ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ދައުލަތުން ކުރަންޖެހުނު ހަރަދުތަކަށް މިހައިތަނަށް 3.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގެ ނިޔަލަށް ސިއްހީ ދާއިރާގެ ކަންކަން ހަމަޖެއްސުމަށް 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އިގްތިސާދު ހަމަޖެއްސުމަށް ދައުލަތުން 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ވެސް ހާމަވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވަކިވަކި ކަންކަމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބޭހާއި މެޑިކަލް ސަޕްލައިއަށެވެ. އެގޮތުން މެޑިކަލް ސަޕްލައިސަށް 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ކޮވިޑާ ގުޅުންހުރި އެކި ހިދުމަތްތަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 800 މިލިއަން ރުފިޔާގެ ހަރަދެއް ކޮށްފައިވެއެވެ. އަދި ޑިޒާސްޓާ މެނޭޖްމަންޓްގެ ބަޖެޓުން 785 މިލިއަން ރުފިޔާ ހަރަދުކުރިއެވެ.
މީގެ އިތުރުން، އިގްތިސާދީ ކަންކަން ހަމަޖެއްސުމަށް ދޫކުރި ލޯނުތަކުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 420 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ހަރަދުކޮށްފައެވެ.