ރައީސް ނަޝީދު ޖޭއެސްސީގެ ރައީސްކަން ދޫކޮށްލަން އެއްބަސްވެއްޖެ: ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން އެއްބަސް ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދާ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ނަޝީދު ޖޭއެސްސީގެ ރައީސްކަން ދޫކޮށްލަން އެއްބަސްވެއްޖެ ކަމަށާއި އެކަމާ އޭނާ ވަރަށް އުފާވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށާއި “އެމަނިކުފާނަށް ދޭނީ ބާނީގެ ލަގަބު” ކަމަށް ޖާބިރު ވިދާޅުވިއެވެ.
“އަޅުގަނޑު ވަރަށް އުފާވޭ ގ.ކެނެރީގޭ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ކަރަންޓް ސްޕީކަރު އެމަޤާމު ދޫކޮށްލަން އެއްބަސްވެއްޖެ. އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަން. އެމަނިކުފާނަށް އަޅުގަނޑު ދޭނީ ބާނީ ގެ ލަގަބު. ޝުކުރު ދަންނަވަން” ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ ރައީސް ޔާމީނަށް ވެސް ޖުޑިޝަރީ މިނިވަން ކުރުން ފުރުސަތު އޮތް ކަމަށެވެ. އެހެން ނަމަވެސް އެކަން އެމަނިކުފާނަށް ނުކުރެވުނުކަމަށެވެ. ޖާބިރު ވިދާޅުވީ މިހާރު ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންއާއި ސިޔާސީ ހުރިހާ ބޭފުޅުން ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ.
”ރައީސް ޔާމީނަށް ވެސް އޮތް އިނގޭތޯ ފުރުސަތު. ޖުޑީޝަރީ މިނިވަން ކުރަން. މިއަދު ޔާމީން ޖަލަށް ލީމަ، އަދުލު އިންސާފު ބޭނުން ވީމަ، ޖޫޑީޝިއަރީ މިނިވަން ކުރުމަށް ޔާމީން ސިއްކަ ޖަހަން އުޅުނަކަސް އެކަމެއް ނުވާނެ. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ވަރަށް ސާފު ވާހަކައެއް. ރާއްޖޭގެ ޖުޑީޝަރީ މިނިވަން ވެއްޖެއޭ. ތުޅާދޫ ދާއިރާގެ މެމްބަރު އިސްތިއުފާ ދެއްވާށޭ. ސިޔާސީ ހުރިހާ ބޭފުޅުން މިހިނދުން މިހިނދަށް އިސްތިއުފާ ދެއްވާށޭ” ޖާބިރު ވިދާޅުވިއެވެ.
ރައީސް ނަޝީދު ޖޭއެސްސީގެ ރައީސްކަން ދޫކޮށްލަން އެއްބަސްވެއްޖެ ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް އެއްވެސް ރަސްމީ އިދާރާއަކުން، އަދި ރައީސް ނަޝީދުވެސް މިކަމަށް ބަހެއް ވިދާޅުވެފައެއް ނުވެއެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ.
ޖޭއެސްސީގެ ރައީސަކީ ނަޝީދެއް ނޫން. އެ މަގާމުގައި ހުރީ ޙިސާން ޙުސައިން.