ޝަރުޢީ ދާއިރާ

ގާޒީ އަލީ ނަސީރަށް އަދަބެއްގެ ގޮތުން، މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ސާބިތުވުމުން، އަދަބެއްގެ ގޮތުގައި އޭނާގެ މަގާމު ދަށްކޮށް މެޖިސްޓްރޭޓް ކޯޓަކަށް ބަދަލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

Ads by Sosun Fihaara

ޖޭއެސްސީން މިއަދު އެގޮތަށް ނިންމީ އަލީ ނަސީރު ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ނިންމައި އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރި މައްސަލައިގައެވެ.

މިކަމުގައި ގާޒީ އަލީ ނަސީރު އެގޮތަށް އަމަލު ކުރެއްވީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލައެއް ނުބަލައި އޮތްކަން ރެކޯޑަށް އަރާފާނެތީކަން ޖޭއެސްސީގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ.

މިކަމާ ގުޅޭގޮތުން ޖޭއެސްސީން މިރޭ ބުނީ އޭނާގެ އެ އަމަލަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއިޒު ގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާ ފަދަ އަމަލެއް ކަމަށެވެ.

އެހެންކަމުން އެ ކޮމިޝަނުން ފިޔަވަޅެއްގެ ގޮތުގައި ނިންމީ ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކޮށް، މެޖިސްޓްރޭޓު ކޯޓަކަށް ބަދަލު ކުރުމަށް ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!