ތިމާވެއްޓަށް ގެއްލުންވާތީ ގުޅިފަޅު މަޝްރޫޢު ހުއްޓުވަން ސިވިލް ކޯޓަށް
ތިމާވެއްޓަށް ގެއްލުންވާތީ ގުޅިފަޅު މަޝްރޫޢު ހުއްޓުވަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ޕްލޭނިން މިނިސްޓްރީއާއި، އީޕީއޭ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ މައްޗަށް އަމިއްލަ ހައިސިއްޔަތުން ދައުވާ ކުރީ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ "ސޭވް މޯލްޑިވްސް ކެމްޕެއިން"ގެ އިސް ވޮލެންޓިއަރެއް ކަމަށްވާ ހުމެއިދާ އަބްދުލްޣަފޫރެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ހުށަހެޅި އެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓުން ވަނީ ބަލައިގެންފައެވެ. އަދި މި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފައިވާ ކަަމަށް ހުމެއިދާގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު ހަސަން ޒަކީ ވިދާޅުވެފައިވެއެވެ.
ހުށަހެޅި ދައުވާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުމެއިދާ ވިދާޅުވީ ގުޅiފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ދިވެހިރައްޔިތުންނަށާއި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ.
"މި މަޝްރޫއަކީ ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފު މަޝްރޫއެއް. އަދި މި މަޝްރޫއުގެ ސަބަބުން ގުޅިފަޅު ފަރުގައި 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ 'ހާންސްހާސް ޕްލޭސް' ނުވަތަ 'ކިކި ރީފް' ނެތިގެންދާނެކަން މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ވެސް ސާފުވޭ" އިޖުތިމާއީ ދާއިރާގެ ދިރާސީ މަސައްކަތް ވެސް ކުރައްވާ ހުމެއިދާ ވިދާޅުވިއެވެ.
ގުޅީފަޅު ހިއްކުމަށް ޓަކައި މާލެ އަތޮޅުގެ އުތުރުން 13 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދަކުން 30 މިލިއަން ޓަނުގެ ވެލި ނަގައިގެން އެ ފަޅު ހިއްކާއިރު ވެލި ނަގާ ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެކަން ވެސް ހުމެއިދާ މިއަދު ފާހަގަ ކުރެއްވިއެވެ.