އޭޝިއާ ދުނިޔެ

އިންޑިޔާގެ ފުލުހަކު 12 އަހަރުގެ ކުއްޖަކަށް ބަޑިން ހަމަލާދީ މަރައިލާ ވީޑިޔޯއެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފުލުހުން ބަޑި ޖަހައި މަރާލި ފަރީދް

އިންޑިޔާގެ ފުލުހަކު، 12 އަހަރުގެ ކުއްޖެއް ގަޔަށް ބަޑި ޖަހާ މަރައިލި ވީޑިއޯއެއް މީޑިޔާތަކުގައި ދައުރުވާން ފަށައިފިއެވެ.

Ads by Sosun Fihaara

އިންޑިޔާގެ އައްސާމް ދަރަންގް ޑިސްޓްރިކްޓްގައި ފުލުހުންނާއި އާއްމުންނާ ދެމެދު ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ނަގައިފައިވާ މި ވިޑީއޯގައި ފެންނަނީ ހަތިޔާރާ އެކު ހުރި ފުލުސް އޮފިސަރެއް އެއްވެފައިވާ މީހުންގެ ތެރެއަށް ބަޑި ޖެހި ތަނެވެ. ހަމަލާ އަމާޒުވި އުމުރުން 12 އަހަރުގެ ޝާހް ފަރީދް އެވަގުތު އައީ ޕޯސްޓް އޮފީހުން އޭނާގެ އައިޑީކާޑު ހިފައިގެންކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ޝާހް ފަރީދު އެ ކާޑު ހޯދަން މަސައްކަތް ކުރި ކަމަށް އޭނާގެ އާއިލާގެ މީހަކު ބުންޏެވެ.

"ޕޯސްޓް އޮފީހުން ގެއަށް އައި މަގުމަތީ ފުލުހުންނާއި އާއްމުންގެ މެދުގައި ހަމަނުޖެހުން ހިނގާތަން ބަލަން ދުރުގައި އޭނާ ހުރީ ފުލުހުން ބަޑި ޖެހީ އޭނާގެ ކުރިމަތިން ، ވަޒަން އަމާޒުވީ ސީދާ އޭނާގެ މެއަށް. ވަގުތުން އޭނާ މަރުވެއްޖެ" ފަރީދުގެ އާއިލާ މީހެއްކަމުގައިވާ ރަފީގުލް އިސްލާމް އެންޑީޓީވީއަށް ބުންޏެވެ.

އިންޑިޔާގެ ދޯލްޕޫރްގެ 4500 ބިގާ (ސައުތު އޭޝިޔާގައި ބިމުގެ މިން އެޅުމަށް ބޭނުން ކުރާ މިނެއް)ގެ ބިމެއް ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރަށް ނެގުމާ އެކު 800 އާއިލާއެއްގެ ގެދޮރު ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބަޑި ޖަހައި މަރައިލި ފަރީދުގެ ގެ ވެސް ހުސްކުރުމުގެ އަންނާނެކަމަށް ޚަބަރުތައް ބުނެއެވެ. އޭނާގެ ގެ ހުންނަނީ ހަމަނުޖެހުންތައް ހިނގަމުން އަންނަ ހިސާބާ 2 ކިލޯމީޓަރު ދުރުގައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ބަޑި ޖެހީ އާއްމުންގެ މީހުން ފުލުހުންނަށް ގަލުން ހަމަލާ ދިނުމުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!