ޚަބަރު އިޖުތިމާޢީ

17 މީހުންނާ އެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

17 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވާން ފެށުމުން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

Ads by Hajj Corporation

އެމްއެންޑީއެފުން ވިދާޅުވީ ކޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީއެއް ކ.ތިލަފުށި ހުޅަނގު ދެކުނުން 4 ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށެވެ. އަދި އެ ސަފާރީން ދަތުރުކުރި 17 މީހުން ކޯސްޓްގާޑުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ޙާދިސާގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 8:39 ހާއިރުކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށް މިއަދު ފަތިހުން ފެށިގެން ވާރޭ ވެހެމުން ދެއެވެ. މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ އޮރެންޖު ސަމާލު ވެސް ނެރެފައެވެ. މެޓް އޮފީހުން އޮރެންޖު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްރަށަށެވެ.

އެމްއެންޑީއެފުން ވަނީ ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، އުޅަނދުގެ ސަލާމަތީ ކަންތައްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ހާއްސަކޮށް ކުދި، ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމާ އެކު ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅައިފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ޚާއްޞަ ސަމާލުކަން ދިނުންމަށް ވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!