ދުނިޔެ

ކޮވިޑުން ދިފާއުކޮށްދޭ ބޭސް ގުޅައެއް ފައިޒާއިން އުފައްދައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާއުވުމަށް ކާމިޔާބު ވެކްސިނެއް އުފައްދައިފައިވާ ފައިޒާ ކުންފުނިން ކޮވިޑް-19އިން ދިފާއުކޮށްދޭ ބޭސްގުޅައެއް އުފައްދައި އެ ބޭސްގުޅަ ޓެސްޓް ކުރުމުގެ މަސައްްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

މި ބޭސް ޓެސްޓިން ގެ މަރުހަލާ ފަށާފައިވާއިރު މި މަރުހަލާގައި މިހައިތަނަށް ބޭސް ދިނުމަށް ހަމަޖެހިފައި ވަނީ ކޮވިޑް ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުންނަށް ކަމަށް އެކުންފުނިން ބުނެއެވެ.

ފައިޒާ ކުންފުނިން ބުނެފައިވާ ގޮތުގައި އެކުންފުނިން އުފެއްދި ބޭސް ޓެސްޓިން މަރުހަލާގައި 2660 މީހުންނަށް ދޭނެއެވެ. މި އެންމެންނަކީ ވެސް ބަލި ޖެހުނު މީހަކާ ކޮންޓެކްޓް ވެފައިވާ މީހުން ކަމަށާއި އަދި މި އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުން ކަމަށް އެކުންފުނިން ބުނެއެވެ.

މިބޭހަކީ ކާމިޔާބު ބޭހެއްކަމުގައި ވެއްޖެ ނަމަ މި ވާނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ލިބޭ ވަރަށް ބޮޑު ކާމިޔާބަކަށް ކަމުގައި ސިއްހީ މާހިރުން ބުނެއެވެ. އަދި ބޭހަކީ ވެކްސިނަށް ވުރެ ބޭނުން ކުރަން ފަސޭހަ އެއްޗަކަށް ވުމުގެ ސަބަބުން މިހާތަނަށް ކޮވިޑް ވެކްސިން އުފައްދައިފައިވާ ކުންފުނިތަކުން ވެސް ކޮވިޑް-19އިން ދިފާއުކޮށްދޭ ބޭހެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް-19ގެ ބަލިމަޑުކަމުން މިހާތަނަށް ވެސް އެއްކޮށް އަރައިގަނެވިފައި ނުވާއިރު ބައެއް ގައުމުތައް އަދިވެސް ވަނީ ލޮކްޑައުންގެ ހާލަތުގައިކަން ފާހަގަކޮށްލެވެއެވެ. އަދި މިބަލިމަޑުކަމުގެ ސަބަބުން ގިނަ ގައުމުތައް ވަނީ އިގްތިސާދީ ގޮތުން ވަރަށް ދަށަށް ގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!