ޖަޕާނުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަނީ

ކޮވިޑް-19ގެ ސަބަބުން ޖަޕާނުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ބުރާސްފަތި ދުވަހު ނިމުމަކަށް ގެނައުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ޖަޕާނުގެ އިކޮނޮމިކް މިނިސްޓަރ ޔަޝުޓޯޝީ ނިޝުމުރާ ވިދާޅުވި ގޮތުގައި އަންނަ ބުރާސްފަތި ދުވަހު ޖަޕާނުގެ ހުރިހާ ހިސާބުތަކުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ނަގާނެއެވެ.
ޖަޕާނުގެ ސަރުކާރުގެ މި ނިންމުން ވަނީ ސަރުކާރުގެ އެޑްވައިޒަރީ ޕެނަލުން އެޕްރޫވްކޮށްފައެވެ. އެގައުމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ނެގި ނަމަވެސް އިތުރު އެއްމަސް ދުވަސް ވަންދެން ބައެއް ކަންކަން އަދިވެސް މަނާ ވާނެކަމަށް މިނިސްޓަރ ޔަޝުޓޯޝީ ވިދާޅުވިއެވެ. މިގޮތުން ބޮޑެތި އެއްވުމާއި ބޮޑެތި ޕާޓީ ފަދަ ފަދަ ކަންކަން ބޭއްވުން އަދިވެސް މަނާ ވާނެކަމަށް ހަބަރުތައް ބުނެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލި ނަމަވެސް އެގައުމުގައި ބައެއް ހިދުމަތްތައް ދިނުމުގައި އަދިވެސް ލައިސެންސް ހޯދަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ރޭގަނޑު 9 ޖަހަންދެން ރެސްޓޯރެންޓްތައް ހުޅުވައިފައި ބެހެއްޓުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މުޅި ޖަޕާން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ނެގުމަށް ތައްޔާރުވެފައިވާއިރު އެގައުމުގެ މުޅި އާބާދީގެ 60 އިންސައްތަ ވަނީ ވެކްސިން ފުރިހަމަކޮށްފިއެވެ.