ޚަބަރު

ރޭގަނޑު ނުކައި ހުރުމަކީ ހިކެން އެހީއެއް

ދެން އެމްވީ ، ދެން އޮންލައިން

ހިކެން ބޭނުންވާ މީހުން މުޅި ރެޔާ އެކު 15 ގަޑިއިރު ނުކައި ހުރުމުން ނަތީޖާ ރަނގަޅު ކަމަށް ސައިންސްވެރިން ބުނެފި އެވެ.

Ads by Sosun Fihaara

ޖާނަލް ނޭޗާ ކޮމިއުނިކޭޝަންސްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ އާއްމުކޮށް ކައި އުޅޭ މިންވަރުން ފަސްބައިކުޅަ އެއްބައި މަދުކޮށްލުމުން ކެންސަރާއި ހަކުރުބަލި ފަދަ ބަލިތަކުން ދުރުކޮށްދޭނެ ކަމަށެވެ.

ސައިންސްވެރިން ބުނީ މެދު އުމުރުގައި ރޯދައަށް ތިބޭ މީހުންނާއި ރޭގަނޑު އެއްގޮތަކަށް ވެސް ނުކައި ތިބޭ މީހުންގެ އުމުރު ދިގުވެ ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ގިނަ ދުވަހު ތިބޭ ކަމަށެވެ.

ރާމާމަކުނު ބޭނުންކޮށްގެން ސައިންސްވެރިން ކޮށްފައިވާ ދިރާސާއިން ހާމަވި ގޮތުގައި މެދު އުމުރުގައި ކެއުމަށް އިންތިހާއަށް ބަލައިގެން އުޅުމަކީ އުމުރު ދިގުވާ ކަމެކެވެ. އަދި އާދަވެ ކާގޮތަށް ކައި އުޅޭ މީހުންނަށް ވުރެ ހަވީރު 5:00 އިން ފެށިގެން ހެނދުނު 8:00 އާ ދެމެދު ނުކައި ތިބުމުން އުމުރު 10 ޕަސެންޓް ދިގުވާ ކަމަށެވެ.

ކެއުމަށް ބަލައިގެން އުޅުމަކީ މުސްކުޅިވާލެއް ލަސްވާ ކަމަށް ދެއްކީ ރާމާމަކުނުތަކެއް ބޭނުންކޮށްގެން ކުރި ދިރާސާއަކުން ނަމަވެސް ހަމަ މިގޮތަށް އިންސާނުންނަށް ވެސް ދިމާވާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. ސަބަބަކީ އިންސާނުންނާއި ރާމާމަކުނުގެ 93 ޕަސެންޓް ޖީން އެއްގޮތް ވީމަ އެވެ.

ޔުނިވަސިޓީ އޮފް ވިސްކޮންސިންގެ ޕްރޮފެސާ އަދި ދިރާސާ ލިޔުމުގައި އިސްކޮށް ހުންނެވި ޕްރޮފެސާ ރޯޒަލީން އެންޑަސަން ވިދާޅުވި ގޮތުގައި އަހަރެމެންގެ ހަށިގަނޑަށް އެތެރެވާ ކާއެއްޗެހި ވަކި ވަރެއްގައި ހިފަހައްޓާލުމުން އުމުރުން ދުވަސްވުމުން ޖެހޭ ތަފާތު ބަލިތަކާ ހަނގުރާމަކުރުމުގެ ގާބިލްކަން ހަށިގަނޑަށް މާ ރަނގަޅަށް ލިބެ އެވެ.

"ކެލޮރީޒް މަދުކޮށްލުމުން މުސްކުޅިވުން ލަސްވާނެ. އެހެން ދިމާވާ ސަބަބަކީ ކާއެއްޗެހިން އުފައްދާ ހަކަތަ، ހަށިގަނޑުގެ ދިފާއީ މަސައްކަތްކުރާއިރު ބޭނުންކުރާގޮތް ތަފާތުވީމަ،" އޭނާ ވިދާޅުވި އެވެ.

ކުރަންޖެހޭ ހުރިހާ ވެސް ކަމަކީ އުމުރުން ދުވަސްވާ ވަރަކަށް ކެލޮރީޒް ހަށިގަނޑަށް އިތުރުކުރާ ވަރު މަދުކުރުމެވެ. އޭރުން ހަކުރު ބައްޔާއި ހިތުގެ ބަލިތައް އަދި ކެންސަރު ފަދަ ބަލިތައް އުމުރުން ދުވަސްވާ ވަރަކަށް ޖެހުމުގެ ނުރައްކާ ކުޑަވާނެ އެވެ.

ނަމަވެސް ޒުވާން ކުދިން މާ އަވަހަށް ކެލޮރީޒް މަދުކުރަން ފެށުމުން ރަނގަޅު ނޫން ކަމަށާއި މެދު އުމުރަށް އެޅުމުން މަޑުމަޑުން ކާ މިންވަރާއި ކެލޮރީޒް އެތެރެވާ މިންވަރު ދަށްކުރުމުން ރަނގަޅުވާނެކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!