ވެކްސިނާ ދެކޮޅު ހުރިހާ ވީޑިއޯއެއް ޔޫޓިއުބުން ފޮހެލައިފި
މަޝްހޫރު ސްޓްރީމިންގ ޕްލެޓްފޯމް ޔޫޓިއުބަށް އަޕްލޯޑްކޮށްފައި ހުރި ވެކްސިނާ ދެކޮޅަށް ހަދާފައި ހުރި ވީޑިއޯތައް ޔޫޓިއުބުން ފޮހެލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިއަދު ޔޫޓިއުބުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މީގެ ކުރިން ފޮހަމުން އައީ ކޮވިޑް-19އިން ދިފާއުވުމަށް އެޕްރޫވް ދީފައިވާ ވެކްސިންނާ ގުޅޭގޮތުން ހުންނަ ސައްހަ ނޫން މައުލޫމާތުތައް ކަމަށެވެ. އެހެން ނަމަވެސް ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާއްމުކޮށް ވެކްސިނާ ދެކޮޅަށް ހަދައިފައިވާ ވީޑިއޯތައް މީހުންނަށް ނުފެންނަ ގޮތަށް ހެދުމަށް ނިންމައިފައިވާ ކަމަށެވެ.
ޔޫޓިއުބުން ބުނެފައި ވަނީ ވެކްސިން ޖެހުމުން ދަރިމައިނުވާ ކަމަށް ބުނެ ދައުރުވަމުން އަންނަ ވަރަށް ބައިވަރު ވީޑިއޯތައް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް މިއީ ހަޤީޤަތެއް ނެތް ވާހަކަތެއް ކަމަށާއި މިފަދަ ވާހަކަތަކަށް ޖާގަ ދެވުމުން މީސެލްސް، ރުބެއްލާ ފަދަ ނުރައްކާތެރި ބަލިތަކުން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާ ކަމަށެވެ.
ޔޫޓިއުބްއިން ދާދިފަހުން ވަނީ ވެކްސިނާ ދެކޮޅަށް ވާހަކަ ދެއްކި ބައެއް މަޝްހޫރު ފަރާތްތަކުގެ އެކައުންޓްތައް ވެސް ފޮހެލައިފައެވެ. މީގެ ތެރޭގައި ރޮބާޓް ކެނެޑީ ޖޫނިއާއާއި ޖޯސެފް މޭލްކޯލާގެ އެކައުންޓް ހިމެނެއެވެ.
ޔޫޓިއުބަކީ ކޮންމެ ދުވަހަކު އެތައް މިލިޔަން ބޭނުން ކުރަމުން އަންނަ، ދުނިޔޭގެ އެންމެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމެވެ.
ޔޫޓިއުބުން މި ފަދަ ފިޔަވަޅެއް އަޅައިފައި ވަނީ ވެކްސިންއާ ގުޅޭ ނުރަނގަޅު މައުލޫމާތު ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ފޭސްބުކް އަދި ޓްވިޓަރއިން ނުކުރާ ކަމަށް އަޑުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.