ޤައުމީ ޓީމާ އެކު ދިވެހިން ތިބިކަން ދައްކައިލާން މިއަދު ސައިކަލު ބުރެއް ބާއްވަނީ

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕް މުބާރާތުގައި ޤައުމީ ޓީމާ އެކު ދިވެހި ޒުވާނުން ތިބިކަން ދައްކާލުމުގެ ގޮތުން ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް، ބައްސާމް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންގެ ޤައުމީ ޓީމަށް އޮތް ސަޕޯޓް ދައްކާލުމަށް މިއަދު ހަވީރު ސައިކަލު ބުރެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ. މި ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4 ޖަހާއިރު މާފަންނު ޓާފް ކައިރިންނެވެ.
މިއަހަރުގެ ސާފް ޗެންޕިއަންޝިޕަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ސާފް ޗެންޕިއަންޝިޕް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭއެވެ. މާދަމާ ރޭ ދިވެހި ޓީމް ނޭޕާލްއާ ދެކޮޅަށް ނިކުންނާނެއެވެ. އޭގެ ކުރިން މާދަމާ ހަވީރު 4 ޖަހާއިރު ބަނގްލަދޭޝްއާ ސްރީލަންކާ ބައްދަލުކުރާނެއެވެ. ލީގް އުސޫލުން ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާ މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި 5 ޓީމެއް ބައިވެރިވެފައިވާއިރު، މިއަހަރުގެ ފައިނަލް މެޗް އޮންނާނީ މިމަހު 16 ވަނަ ދުވަހުއެވެ.