ޚަބަރު އިޖުތިމާޢީ

މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފަށަން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

Ads by STELCO

އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި އަދި އެމްޓީސީސީއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު 1 އޮކްޓޯބަރ 2021ވަނަ ދުވަހުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް ދެމުންދާ ބަހުގެ ޚިދުމަތް ފުޅާކޮށް މި ޚިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ވެސް ދެވޭނެ ގޮތަށް މިހާރު ބަސް ރޭޓަށް ބަދަލުގެނެވިފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ ބަސް ރޫޓުތައް:

1. ހުޅުމާލެ - ވެސްޓް ޕާރކް ރޫޓް
2. ހުޅުމާލެ - ކާރނިވަލް ރޫޓް
3. ހުޅުމާލެ - ވީއައިއޭ ބަސް ރޫޓް
4. ހުޅުމާލެ ނެއިބަރހުޑް 1، 2 އަދި 3

އެމްޓީސީސީން ފަށާ ހުޅުމާލޭ ބަހުގެ ޚިދުމަތުގެ އަގަކީ 5 ރުފިޔާއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ގްރޭޓާރ މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި މި ޚިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެމްޓީސީސީން މިގޮތަށް ނިންމައިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދަށް ބަހުގެ ހިދުމަތް އަދިވެސް ފަށައިފައި ނުވާތީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ކޮނޑަށް ލައިގެން އޭނާގެ މަންމަ ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!