އިކުއެޑޯގެ ޖަލެއްގައި ހިނގި ގަތުލްއާއްމެއްގައި 116 މީހުން މަރައިލައިފި
އިކުއެޑޯގެ ޖަލެއްގައި ހިނގި ގަތުލްއާއްމެއްގައި 116މީހުން މަރައިލައި 80އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިކަމަށް އިކުއެޑޯގެ ރައީސް ގިލަރމޮ ލާސޯ ވިދާޅުވެއްޖެއެެވެ.
ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުމުގެ ސަބަބުން އެގައުމުގައި މިހާރު ވަނީ ސްޓޭޓް އޮފް އިމަޖެންސީގެ ހާލަތު އިއުލާންކޮށްފައެވެ. ކޯސްޓަލް ޖަލުގައި ހަމަނުޖެހުން ހިނގައިފައި ވަނީ ގޭންގެއް މެމްބަރުންތަކެއްގެ މެދުގައިކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބަކީ އެ ގައުމުގެ ލިޓޯރަލް ޕެނިޓެންޝަރީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކެއްގައި 5 މީހެއް މަރައިލުމެވެ. މި މީހުން މަރައިލައިފައި ވަނީ ބޯ ބުރިކޮށްލައިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ޖަލުތަކުގައި ހިނގައި ދިޔަ މި ލޭ އޮހޮރުވުމަކީ މިހާތަނަށް އިކުއެޑޯގެ ޖަލުގައި ހިނގައި ދިޔަ އެންމެ ބޮޑު ގަތުލްއާއްމުކަމުގައި ވެސް ހަބަރުތައް ބުނެއެވެ.
ބުދަ ދުވަހު މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ރައީސް ލާސޯ ވިދާޅުވީ ޖަލުތައް އަދިވެސް ރައްކާތެރި ނޫން ކަމަށާއި ގައިދީންގެ އާއިލާގެ މީހުން މި ވަގުތު ނުދިޔުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.