ދީން

އެއްބަޔަކު އަނެއްބައެއްގެ ސިއްރުތައް ހާމަކުރުމަކީ، ބިމުގައި ފަސާދަ އާންމުވެދާނެ ކަމެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by Sosun Fihaara

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ ސުލްޙަވެރި މުޖުތަމަޢުއެއް ބިނާ ކުރުމުގެ މައްޗަށެވެ.

ޚުތުބާގައި އެންމެ ފުރަތަމަ ވެސް އަލިއަޅުވައިލައިފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް ލޭ އޮހޮރުވުމާއި، ބައިބައިވުމާއި އަދި ދެކޮޅުވެރިކަން ހިނގަމުން ދާ ކަމުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިޔާސީ ފިތުނަތަކާއި މަޤާމާއި، ނުފޫޒާއި، ޖާހަށް ޓަކައި ހަނގުރާމަ ކުރުމާއި، އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

މިފަދަ ފިތުނަވެރިކަމެއްގެ މައްޗަށް ދުނިޔެ ވަންނަ ކޮންމެ ދުވަސްވަރެއްގައި، އަޅުގަނޑުމެން ފަދަ ޖަޒީރާ ޤައުމުތަކަށް މިކަންކަމުގެ އަސަރު ފޯރިޔަ ނުދީ ވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ. އެހެން ނޫން ނަމަ އަޅުގަނޑުމެންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި، ފުނޑުފުނޑުވެ، ނޭނގި ތިއްބައި އިސާހިތަކު ޤައުމުގެ އެއްބައިވަންތަކަމާއި، ކުރިއެރުމާއި، އިޤްތިސާދު ހަލާކުވެދާނެއެވެ. ބުއްދީގެ އަހުލުވެރިން އެފަދަ ނުރައްކާތެރި ގެއްލުން ހުރި، ފިތުނައިގެ ތޫފާނެއްގެ ތެރެއަށް ވަނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.

އަޅުގަނޑުމެން މުސްލިމުން ވާންވީ އަބަދުވެސް އިސްލާޙަށާއި ސުލްޙަވެރިކަމަށް މަސައްކަތް ކުރާ ބަޔަކަށެވެ. ޤައުމީ މަސްލަޙަތު ކުރިއަށް ނެރެ، ޤައުމުގެ ހަމަޖެހުމާއި، ސުލްޙަ މަސަލަސްކަން ދަމަހައްޓަން މަސައްކަތް ކުރާ ބަޔަކަށެވެ. އިސްލާޙު ކުރުމަށް މަސައްކަތް ކުރާހާ ހިނދަކު، މާތް ﷲ އަޅުގަނޑުމެންނަށް އެކަމަށް ތައުފީޤު ދެއްވާނެކަން ކަށަވަރެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ރަށްތަކުގެ އަހުލުވެރިން ރަނގަޅަށް ކަންތައް ކުރާ ބަޔަކު ކަމުގައި ވަނިކޮށް، އަނިޔާވެރިގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ.

ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް، އެއްބަޔަކު އަނެއް ބައެއްގެ އަބުރާއި، ޝަރަފު ނަގައިލުމާއި، ސިއްރުތައް ހާމަކުރުމަކީ، އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަމެކެވެ. ބިމުގައި ފަސާދަ އުފެދިއްޖެ ނަމަ، މާތް ﷲ އެބައިމީހުންނަށް ޢުޤޫބާތް ދެއްވައެވެ. އެއީ އެބައިމީހުން މާތް ﷲގެ ޙަޟްރަތަށް ރުޖޫޢަވޭތޯއެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި، ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަވުމަށް ޓަކައެވެ.

ޤައުމެއްގައި އޮންނަ އެކުވެރިކަމާއި އުޚުވަތްތެރިކަމުގެ ފޭރާން ވީދި، ޤައުމު ބައިބައި ވެއްޖެ ނަމަ، ދެން އަލުން ކުރީގެ ހާލަތަށް އެނބުރި ދިޔުމަކީ އުނދަގޫ ކަމަކަށް ނޫނީ ނުވާނެއެވެ. ލީބިޔާއާއި، އިރާޤާއި، އަފްގާނިސްތާނާއި، ސީރިއާއާއި، ސޯމާލިޔާއާއި މިނޫން ވެސް ބައެއް ޤައުމުތަކަކީ އަޅުގަނޑުމެން ފަދަ ޤައުމުތަކަށް ހުރި ދިރިހުރި މިސާލުތަކެކެވެ. އެ ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ވަނީ ގެއްލިފައެވެ. އެބައިމީހުންގެ ކަންތައްތައް އެބައި މީހުން އަމިއްލައަށް ޙައްލު ނުކުރުމުގެ ނަތީޖާއަކަށްވީ، އަޅުވެތިކަމުގެ ނިމުމެއް ނެތް ވޭނާއި ކެކުޅުން ތަޙައްމަލު ކުރަން ޖެހުމެވެ. އެއީ އަރާރުން ވުމާއި، ދެކޮޅުވެރިކަމާއި، ދެބަސްވުމާއި، ޤައުމީ ސަލާމަތާއި، އާންމު މަސްލަހަތަށް ވުރެ ޒާތީ މަސްލަހަތު އިސްކުރުމާއި، އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި، ދީނުގެ ނަމުގައި ޙައްދުފަހަނަ އަޅައި ދިޔުމާއި، އަނިޔާވެރިވުމާއި ނުކިޔަމަންތެރިވުމުން އުފެދޭ ފިތުނަވެރިކަމުގެ ހިތި ނަތީޖާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!