ދުނިޔެ

18 މަހަށް ފަހު އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވައިލަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

18 މަހަށް އޮސްޓްރޭލިއާގެ ބޯޑަރުތައް ހުޅުވައިލާން ތައްޔާރުވަމުން ދާކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިޝަން މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމެއްގައި ވިދާޅުވެފައިވާ ގޮތުގައި އެގައުމުގެ ރައްޔިތުންނަށް ދުވަސްކޮޅެއްގެ ތެރޭގައި ބޭރުގެ ގައުމުތަކަށް ފަސޭހަކަމާ އެކު ދަތުރު ކުރުމުގެ ހުއްދަ ލިބިގެން ދާނެއެވެ.

ބޯޑަރު ހުޅުވައިލާން ނިންމެވިކަން އިއުލާނު ކުރައްވައި މޮރިސަން ވިދާޅުވީ، މިއީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެމީހުންގެ ދިރިއުޅުން އަލުން ރުޖޫއަކުރަންވީ ވަގުތު ކަމަށެވެ. ނަމަވެސް ދަތުރު ކުރުމަށް ހުޅުވައިލާ ޝަރުތުތަކުގެ ތެރޭގައި އެ ސްޓޭޓެއްގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައި އޮތުން ވެސް ހިމެނެއެވެ.

އޮސްޓްރޭލިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުުގައި އެގައުމުގައި މިވަގުތު އޮތްގޮތުން ނަމަ އަންނަ ޑިސެމްބަރު މަހުގެ 17ވަނަ ދުވަހާ ހަމައަށް ބޯޑަރު އޮންނާނީ ބަންދުކޮށްފައެވެ. އެހެން ނަމަވެސް އަލަށް ނިންމި ނިންމުމާ އެކު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބޯޑަރު ހުޅުވައިލާނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އޮސްޓްރޭލިޔާގެ 210،670 ރައްޔިތުން ގައުމުން ބޭރަށް ދިޔުމުގެ ހުއްދައަށް އެދި އެގައުމުގެ ހޯމް އެފެއާޒް ޑިޕާޓްމަންޓްގައި އެދިފައިވާއިރު މީގެ ތެރެއިން 122،131 އެޕްލިކޭޝަން ވަނީ އެކި ސަބަބުތަކާ ހުރެ ރިޖެކްޓް ކޮށްފައެވެ.

އޮސްޓްރޭލިއާގެ ރައްޔިތުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ ރައްޔިތުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ސަރުކާރުން ކަނޑައަޅައިފައިވާ ހޮޓަލްތަކުގައި ކަރަންޓީނުވާކަށް ނުޖެހޭނެކަމަށް ވެސް ރިޕޯޓްތަައް ބުނެއެވެ. އޭގެ ބަދަލުގައި އެމީހުން ކަރަންޓީން ވާނީ އަމިއްލަ ގޭގައި 7 ދުވަހަށް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!