މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ
މިރޭ ޤައުމީ ބޯޅަ ދަނޑުގައި ކުޅުނު ސާފް ޗެންޕިއަންޝިޕްގެ ދެވަނަ މެޗް 1-0ގެ ނަތީޖާއަކުން ނޭޕާލުން ކާމިޔާބުކޮށްފިއެވެ.
މިއީ ސާފްޗެންޕިއަންޝިޕްގައި ނޭޕާލުން ރާއްޖޭގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. ރާއްޖެއާއި ނޭޕާލާ މިހާތަނަށް އަށް މެޗެއްގައި ބައްދަލުކޮށްފައި ވެއެވެ. މި މެޗްތަކުގެ ތެރެއިން ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އަދި ދެ މެޗުން އެއްވަރުވެފައިވެއެވެ.
މިރޭގެ މެޗްގައި ނޭޕާލަށް ތާރީޚީ މޮޅެއް ލިބުނުއިރު، ސާފް ޗެންޕިއަންޝިޕްގެ ފައިނަލަށް ދިޔުމުގެ ފުރުސަތެއް ނޭޕާލަކަށް ލިބިފައެއް ނުވެއެވެ. މި މެޗުން ނޭޕާލް މޮޅުވިއިރު، ތަށި ހޯދުމުގެ އަޒުމުގައި ނިކުތް ނޭޕާލުން ވަނީ ފެށުން ރަނގަޅުކޮށްފައެވެ.
މިރޭގެ މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްޓީމަކުން ވެސް ލަނޑެއް ކާމިޔާބު ނުވެއެވެ. މިރޭގެ މެޗްގެ ދެވަނަ މިނެޓްގައި ނޭޕާލްގެ ކުޅުންތެރިންއަކު ކުރި ފައުލްއަކާ އެކު ރާއްޖެއަށް ހިލޭ ޖެހުމެއް ލިބުނެވެ. އެހެން ނަމަވެސް ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލު ހުރަސް ދަނޑުމަތިންނެވެ. މެޗް ފުރަތަމަ ހާފްގެ ފުރަތަމަ ދިހަ މިނެޓް ކުޅެވިގެން ދިޔައީ ނޭޕާލްގެ ހާފްތެރޭގައި ރާއްޖެއިންނެވެ. ރާއްޖެއިން ހަމަލާތައް ދެވުނު ނަމަވެސް ހަމަލާއެއް ކާމިޔާބުވެފައެއް ނުވެއެވެ. ނޭޕާލްގެ ފުރަތަމަ ހަމަލާ ފެނިގެން ގޮސްފައި ވަނީ މެޗްގެ އެގާރަވަނަ ވަނަ މިނެޓްގައެވެ. ނޭޕާލްގެ ސުޖަލް ސްރިސްތާ ފޮނުވައިލިއެއީ ބޯޅައެކެވެ. އެ ހަމަލާ ރާއްޖޭގެ ކީޕަރު ފައިސަލް މަތަކުރީ މެއިންނެވެ.
ފުރަތަމަ ހާފްގައި ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް ހުއްޓުވުމަށް ނޭޕާލްގެ ޑިފެންޑަަރުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން، މެޗްގެ 16 ވަނަ މިނެޓްގައި އަޝްފާގަށް ކުރި ފައުލްއަކާ ގުޅިގެން ނޭޕާލްގެ ދިނޭޝް ރަޖްބަންޝީއަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ. އެ ފަހަރު ރާއްޖެއަށް ލިބުނު ހިލޭ ޖެހުން ވެސް ދިޔައީ ގޯލް ހުރަސް ދަނޑި މަތިންނެވެ. މެޗްގެ 33 ވަނަ މިނެޓްގައި ދަގަނޑޭ ވަނީ ހަމަލާއެއް އުފައްދައިފައެވެ. އެހެން ނަމަވެސް ކައްސާލުމާއެކު އެ ބޯޅަ ރަނގަޅަށް ފޮނުވައިލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފްގައި ރާއްޖެއިން އެޓޭކިން ކުޅުމެކެވެ.
މެޗްގެ ފުރަތަމަ ހާފްގައި ޑިފެންސަށް ކުޅެމުން އައި ނަމަވެސް، ދެވަނަ ހާފްގައި ނޭޕާލުން ނިކުތީ އެޓޭކަށެވެ. މެޗްގެ 60 ވަނަ މިނެޓްގައި ނޭޕާލަށް ލިބުނު ކޯނަރު ދިޔައީ ބޭނުން ނުކުރެވިއެވެ. ދެން ފެނިގެން ދިޔައީ މެޗްގެ 64 ވަނަ މިިނެޓްގައި ވެސް ނޭޕާލުން އުފެއްދި ހަމަލާއެކެވެ.
މެޗްގެ ދެވަނަ ރީނދޫ ކާޑް ދެއްކީ ނޭޕާލްގެ ޕުޖަލްއަށް ކުރި ފައުލްއަކާ ގުޅިގެން، ރާއްޖޭގެ އަޝްހަދު އަލީ (އަޑުބަރޭ) އަށެވެ. މެޗްގައި އިތުރު ރީނދޫ ކާޑެއް ދައްކާފައި ވަނީ މެޗްގެ 70 ވަނަ މިނެޓްގައި ސުމަން އަރިޔާލްއަށެވެ.
މެޗްގެ 76 ވަނަ މިނެޓްގައި ސެންޓޭ ގޯލަށް ފޮނުވައިލި ބޯޅަ ކީޕަރުގެ އަތުގައި ޖެހުމަށް ފަހު ނިތުމުން ދަގަނޑޭއަށް ހުސް ފުރުސަތެއް ލިބިގެން ދިޔައެވެ. އެހެން ނަމަވެސް އެ ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ބޭރުންނެވެ. މެޗްގެ 78 ވަނަ މިނެޓްގަައްޔާއި 80 ވަނަ މިނެޓްގައި ދާދު ވަނީ ނުރައްކާތެރި ދެ ހަމަލާ އުފައްދައިފައެވެ.
މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ މެޗްގެ 85 ވަނަ މިނެޓްގައި ނޭޕާލުންނެވެ. މި ގޯލް ނޭޕާލަށް ކާމިޔާބުކޮށްފައި ވަނީ، މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މަނީޝް ޑަންގީއެވެ. ޑިފެންސްގައި ތިބި ދެ ކުޅުންތެރި ކަޓުވައިލުމަށް ފަހު އަރާ، އެ ގޯލް ކާމިޔާބު ކުރީ ގޯލްގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްގެނެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފައިވެއެވެ. އެހެން ނަމަވެސް އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުވެ، މެޗް ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުން ނޭޕާލް މޮޅުވެގެންނެވެ.
މިއަހަރުގެ މުބާރާތުގައި އެހެން އަހަރުތަކާ ޚިލާފަށް ކުޅެނީ ފަސް ޓީމަކުން، ފުރަތަމަ ލީގްގެ ބުރެކެވެ. އަދި މިފަހަރު ފައިނަލަށް ދަނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މިރޭގެ މެޗާއެކު ނޭޕާލަށް 3 ޕޮއިންޓް ވަނީ ލިބިފައެވެ. މިއަދު ހަވީރު ބަނގްލަދޭޝްއާއި ސްރީލަންކާ ކުޅުނު މެޗުން މޮޅުވި ބަނގްލަދޭޝަށް އޮތީ ތިން ޕޮއިންޓާއެކު ތާވަލްގައި އެއް ހަމައެއްގައެވެ. ބަނގްލަދޭޝް މެޗް ކާމިޔާބުކޮށްފައި ވަނީ ހަމަ އެއް ގޯލުންނެވެ. މިހާތަނަށް މިމުބާރާތުގައި ހިމެނޭ ޓީމްތަކުގެ ތެރެއިން މެޗެއް ކުޅެފައި ނުވަނީ އިންޑިއާއިން އެކަންޏެވެ.
ސާފް ޗެންޕިއަންޝިޕްގެ ދެން އޮންނަ މެޗް އޮތީ 4 އޮކްޓޯބަރުގައެވެ. އެއީ އިންޑިއާއާއި ބަނގްލަދޭޝް ބައްދަލު ކުރާ މެޗެވެ.