ޚަބަރު ސަރުކާރު

އެޗްއާރްސީއެމްގެ މެމްބަރަކަށް ސަމާއު އައްޔަންކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް، ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ޢައްޔަން ކުރައްވައިފިއެވެ.

Ads by STELCO

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބާ ހަވާލުކުރައްވައިފައެވެ. އަދި، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވައިފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މީގެ ކުރިން ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި 2015ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓަރނީކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވައިފައެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗޭއެއްގެ މަޤާމު ވެސް 2010ވަނަ އަހަރާއި 2011ވަނަ އަހަރާ ދެމެދު ފުރުއްވައިފައިވެއެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން އިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވައިފައިވާ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ އިންސާނީ ޙައްގުތަކާ ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެލައްވައިފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައިވާ މާހިރުންގެ ޓީމުގެ މެންބަރެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!